ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޯތިތައް އޮކްޓޯބަރުގެ ނިޔަލަށް ހަވާލުކޮށް ނިމޭނެ - މިނިސްޓަރ
އަލްފާ އަލީ
8/12/2024, 5:56:44 AM
-
ހުޅުމާލެ ދެވަނަ ފިޔަވަހީން ދޫކުރި ހުރިހާ ގޯތިތައް އޮކްޓޯބަރުގެ ނިޔަލަށް ހަވާލުކޮށް ނިންމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހަވާލުކުރެވޭނެ ތާރިހަކާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ, ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިތައް ބަހާފައި ހުރިއިރު، ކުންފުނިތަކުގެ މަސައްކަތްތަކަށް ސާމާނުތައް ބަހައްޓާ ސައިޓުތަކުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ގޯތި ދީފައިވާ ކަމަށެވެ.
ހުޅުމާލެއިން ދޫކޮށްފައި ހުރި ބައެއް ގޯތިތައް ހުރީ ކަރަންޓް ނަރުތަކާއި ކަރަންޓް ފޮށިތައް އެ ގޯތިތަކުގެ ތެރެއަށް ވާގޮތަށްކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ 1407 ގޯތީގެ ތެރެއިން މިހާތަނަށް 623 ގޯއްޗެއް އެ ގޯތިތަކުގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ބާކީހުރި ހުރިހާ ގޯއްޗެއްވެސް އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ވެރިފަރާތާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ފަޅުން 699 ގޯތި ދީފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, މީހެއްގެ ނަންމައްޗަށް ފަޅުން ގޯތި ރަޖިސްޓްރީކުރެވޭ ގޮތެއް ގާނޫނުގައި ނެތް ކަމަށެވެ. އަދި ފަޅުން ގޯތި ދިނުމަކީ ޒިންމާދާރު ސަރުކާރަކުން ކަންތައް ކުރައްވާނެ ގޮތެއް ނޫންކަމަށްވެސް ވިދާޅުވި އެވެ.
ފޭސް 3 އިން ބިން ހިއްކާ ގޯތި ދިނުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަހުގައި ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.