އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި
އަހުމަދު ޝުރާއު
8/9/2024, 2:29:30 PM
--
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ޖެޓެއްގައި މިއަދު ހަވީރު އެވެ. އެގޮތުން އެއާޕޯޓުން ޖައިޝަންކަރު އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މިއަދު ބުނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ޑރ މުޙަންމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިންޑިއާގެ އެގްޒިމް ބޭންކްގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އާއި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ވިޔާފާރީގެ މުހިންމު އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ބާއްވާ ރަސްމިއްޔާތުގައިވެސް ޖައިޝަންކަރު އާއި ޒަމީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްްޓްރީން ބުނެފައި އެވެ.
މިއީ 2024 ވަނަ އަހަރުގެ ޖޫން މަހު ދެވަނަ ދައުރަކަށް މިނިސްޓަރު ޑރ ޖައިޝަންކަރު އެގައުމުގެ ފޮރިން މިނިސްޓްރީޢާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.