--
ޓިއުނީޝިއާގެ ރައީސް ކައިސް ސައީދުއަށް ލިބިދޭ ބާރުގެ ދަށުން އެގައުމުގެ ބޮޑުވަޒީރު އަހުމަދު ހަޗާނީ މަގާމުން ވަކިކުރައްވައިފި އެވެ.
މަގާމުން ވަކިކުރެއްވި ހަޖާނީ ބޮޑުވަޒީރުގެ މަގާމަށް އައްޔަނުކުރީ މިިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު އެވެ. މަގާމުން ވަކިކުރުމުގެ ކުޑައިރުކޮޅެއް ކުރިން ހަޗާނީ ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ގޮންޖެހުންތަކާއެކުވެސް ސަރުކާރުން ގިނަ ކަންކަމުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އޭގެ ތެރޭގައި ގައުމުގެ ކާބޯތަކެއްޗާއި ހަކަތައަށް ބޭނުންވާ ކަންކަން ހިމާޔަތްކުރުން ހިމެނޭ ކަމަށެވެ. ނަމަވެސް ސަރުކާރާއި ގާތް ގުޅުމެއް އޮތް ހަޗާނީ ވަކިކުރެއްވި ސީދާ ސަބަބެއް ބުދަ ދުވަހުގެ ރޭ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
ހަޗާނީ ބަދަލުގައި ބޮޑުވަޒީރުގެ މަގާމަށް އެގައުމުގެ ސޯޝަލް އެފެއާސް މިނިސްޓަރު ކަމެލް މަޑޫރީ ވަނީ މިހާރު އައްޔަނުކޮށްފައެވެ.
ހަޗާނީ މަގާމުން ވަކިކޮށްފައި މިވަނީ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ޓިއުނީޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ސައީދު އިތުރު ދައުރަކަށް ކުރިމަތިލައްވައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި ހަޗާނީ މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ސައީދުއާއި ދެކޮޅަށް ވާދަކުރައްވަން ނިންމަވާފައި އެވެ.