--
ޓިއުނީޝިއާގެ ރިޕަބްލިކަން ޔޫނިއަން ޕާޓީގެ ލީޑަރު ލޮޓްފީ މަރައިހީ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިމިވަނީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައިވާ ދަނޑިވަޅެއްގައި އެވެ. އޭނާއަކީ ޓިއުނީޝިއާގެ އެންމެ ވަރުގަދަ އިދިކޮޅު ސިޔާސީ ލީޑަރެވެ.
އެގައުމުގެ މީޑިއާރިޕޯޓްތައް ބުނާ ގޮތުން އޭނާ ހައްޔަރުކުރީ ޓިއުނީޝިއާގެ އިރުއުތުރުގެ ނަބީއުލް ޕްރޮވިންސުންނެވެ.
ތޫނިސް ކޯޓުގެ ތަރުޖަމާނަކު މި ހަފުތާގެ ކުރީކޮޅު ވިދާޅުވީ ރައީސް ކައިސް ސައީދުގެ އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ފަރާތް ކަމަށްވާ މަރައިހީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި މަރުކަޒީ ބޭންކުގެ ލައިސަންސް ނެތި އެގައުމުން ބޭރުގައި ބޭންކް އެކައުންޓްތައް ހުޅުވުމުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.
މަރައިހީ ހައްޔަރުކޮށްފައި މިވަނީ ކުރިއަށް އޮތް އިންތިހާބުގައި ސައީދުގެ ވާދަވެރިން ހޯދުމަށާއި ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް މަގު ފަހިކުރުމަށް ސައީދުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ޕްރެޝަރު ކުރަމުންދާ ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
2019 ވަނަ އަހަރުގެ ރައީސް ކަމަށް އިންތިހާބުވި ސައީދު އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ކުރިމަތިލައްވާނެކަން ރަސްމީކޮށް އިއުލާނު ކޮށްފައި ނުވި ނަމަވެސް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭނާ މިދިޔަ އަހަރު ވިދާޅުވެފައި ވަނީ އޭނާ ނޮންޕެޓްރިއަޓްސް ކަމަށް ބުނާ އެއްޗަކަށް ވެރިކަން ހަވާލު ނުކުރައްވާނެ ކަމަށެވެ.