ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ޑީޕޯޓު ކުރާނެ ކަމުގެ ޔަގީންކަންދީފި
މުޙައްމަދު މުއައްވަޒު
8/6/2024, 11:16:24 AM
-
މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ގދ. ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރީން ހައްޔަރުކޮށް، ޑީޕޯޓުކުރަން މިނިސްޓްރީން ނިންމުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކުރިނަމަވެސް އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް އެވުޒާރާއިން ވަނީ ނިންމާފައެވެ.
ދާހިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން ބުނީ އެ ބިދޭސީން ޑީޕޯޓް ކުރަން ނިންމީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭތީއެވެ. އަދި އެއީ ވިސާ ވައިލޭޝަނެއް ކަމަށްވާތީ އެވެ.
މި މުޒާހާރާއަކީ ބަންގްލަދޭޝްގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ތިނަދޫގައި ކުރި މުޒާހާރާއެކެވެ.
މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި އަދި ކަމާބެހޭ ފަރާތްތަކުން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރަޖިސްޓްރީއެއް އެކުލަވާލާ، ގަވާއިދަށް ފައްތަން މަސައްކަތް ކުރުމާއި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުން ހިމެނެއެވެ. އަދި ކުށްކުރާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.
އެގޮތުން، މިހާތަނަށް 1800އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ.
ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް މުގުރާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް ފުރުވާލެވޭނެ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދުވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.