
ރަށްރަށުގެ މަގު ބައްތި ރައްކާތެރި މިންގަނޑާ އެތްގޮތްކުރުމަށް ފަސޭހަ އަދި އަވަސް ގޮތްތަކެއް ހޯދަނީ
# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް--
ރައްކާތެރި މިންގަނޑުތަކާ ޚިލާފަށް އާތު ލީކޭޖް، ސާކިއުޓް ބްރޭކް، އީ.އެލް.ސީ.ބީ ހަރުނުކުރާ މަގުބައްތިތައް މި މަހަށް ފަހު ކަރަންޓު ދިނުން ހުއްޓާލުމަށް ފެނަކައިން ނިންމާފައިވުމާ ގުޅިގެން އަވަސް ގޮތެއްގައި ރަށްރަށުގެ މަގުބައްތި މިންގަނޑަށް ފައްތާ، ރަށްޔިތުންނަށް މި ކަމުގެ ދަތި އުނދަގޫ ނުވާނެ ގޮތަކަށް މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ވަޒީރު އާދަމް ޝަރީފު ޢުމަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ރައްޔިތުންނަށް މި ކަމުގެ ތަކުލީފު ނުޖެހި މި މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ހޯދުމަށެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ކައުންސިލުތަކަށް މި ޒިންމާ މަތިކޮށްގެން ކުރިއަށް ގެންދަން ނިންމައިފި ނަމަ، ކައުންސިލުތަކުގެ ބަޖެޓު ކުރެވިފައި ނެތް ފައިސާއިން ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރަން ޖެހުމުން ކައުންސިލުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ މި މަސައްކަތް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އޮތްކަމަށެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރުގެ ވިސްނުންފުޅަކީ ސަރުކާރުގެ ގުޅުން ހުރި އިތުރު ވުޒާރާތަކާއި، މުއައްސަސާތަކާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވައި މި ކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ދިރާސާކޮށް މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު މި މަޝްވަރާ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި މި މަސައްކަތްކޮށް ނިންމުމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ މަސައްކަތެއް ކަމަށް ވާތީ، އެ ކުންފުނީގެ ވިސްނުން ހުރީ މި މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުތަކުން ފޯރުކޮށް ދެއްވައިފި ނަމަ އެ މަސައްކަތް އެ ކުންފުނިން ކޮށްދެއްވާ ގޮތަށް ތިއްބެވި ކަމަށެވެ. އަދި މި ކަމާ ގުޅިގެން މި ހަފުތާގެ ތެރޭގައި މާލީ ވުޒާރާއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް މުޢާޒް ވުދާޅުވިއެވެ.
ގުޅުންހުރި

ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 400 ކވ ގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ، 48 ގަޑިއިރުގެ ތެރޭގައި ދާއިމި ހައްލެއް ލިބޭނެ - ފެނަކަ

ސިޓީސް މިނިސްޓްރީގެ ހަފުތާ 52 ގެ މަސައްކަތު ބައްދަލުވުން ފަށައިފި

ކައުންސިލްތަކާއި ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ސާބިތުކަމާއެކު ދެމި ތިބޭނަން!
