
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުވައްމުލައް ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވ 2024ގެ ތެރެއިން، އެ ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކިޔައިދީފައިވެެއެވެ. އަދި މަގުމަތީގައި ބޭނުންކުރާ އެކި ނިޝާންތަކާއި އެ ނިޝާންތަކުގެ ބޭނުމާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުުރުން، މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީ މަގުމަތީގެ ގަވާއިދުތަކާއި ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.އަދި މަގުމަތީގެ އަދަބުތަކާއި ރިވެތިބަހުން މުއާމަލާތުކުރުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެޝަނުގައި ފުވައްމުލަކު ސްކޫލުގެ ގްރޭޑް 1 އިން 5 އަށް ތައުލީމު ހާސިލު ކުރަމުންދާ 95 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ 291 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި މައުލޫމާތު ދެއްވީ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުވައްޒަފުންނެވެ.
މި އޮގަސްޓު މަހުގެ 3 އިން 18 އަށް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވ 2024ގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމް، ފަހިރާސްތާ، ރޯޑް ސޭފްޓީ ހިނގާލުމާއި ރަށުގެ އެކި މަގުތަކުގައި ބިލްބޯޑު ހަރުކުރުމުގެ އިތުރުން ވޮލީބޯޅަ މުބާރާތާއި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން ވޮލީބޯޅަ މުބާރާތާއި ސްކޫލު ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށް އެބަގެންދެއެވެ.
ރައްކާ ރޯޑް ޝޯވ އަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ހޭލުންތެރިކަން އިތުރުކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް!

މާލޭގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

މާލެއިން މީހަކު ގެއްލިގެން ހޯދަނީ
