ބީޗު ހޭންޑްބޯޅަ 2024: ސަޖާހާގެ މޮޅު ކުޅުމާއެކު އޭއެލްޓީ އަތުން ޒޯރު ވިމެންސްއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
8/1/2024, 6:56:03 PM
އޭއެލްޓީ އާއި ޒޯރޯ ވިމިންސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯޅަ ނޭޝަން
ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ އަންހެން ޑިވިޝަން ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ދެ ސެޓުން އޭއެލްޓީ ބަލިކޮށް ޒޯރޯ ވިމިންސް މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ޒޯރޯ ވިމިންސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 10-0 ގެ ނަތީޖައަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި މޮޅަށް ކުޅެ ސެޓް ޑޮމިނޭޓްކުރީ ޒޯރޯ ވިމިންސް އިންނެވެ. އަދި މިސެޓް އެޓީމުން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ފަރަގަކާއެކު 9-2 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒޯރޯ ވިމިންސްގެ އައިޝަތު ސަޖާހާ އެވެ. އޭނާ ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން އެޓީމަށް ހަތް ލަނޑު ކާމިޔާބުކޮށްދީފައެވެ.
01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވާއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މިމުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.