ބީޗު ހޭންޑްބޯޅަ 2024: ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ އަތުން ޗެންޕިއަން ކުޑަ ގޮހޮޑާއަށް އުނދަގޫ މޮޅެއް
ހަސަން ޝަމްއޫން
8/1/2024, 6:02:13 PM
ކުޑަ ގޮހޮޑާއާއި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ހޭންޑްބޯޅަ ނޭޝަން
ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ "ދެވަނަ ބީޗުމާޓް ބީޗު ހޭންޑްބޯޅަ މުބާރާތް 2024" ގެ އަންހެން ޑިވިޝަން ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ކުޑަ ގޮހޮޑާއާއި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ސީދާ ދެ ސެޓުން މޮޅުވެ ކުޑަ ގޮހޮޑާ އިން މުބާރާތް ފެށީ މޮޅަކާއެކުގައެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ހަތަރު ލަނޑުގެ ތަފާތަކާއެކު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަ ގޮހޮޑާ އެވެ.
މެޗުގެ ދެވަނަ ސެޓުގައި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް، ތިން ލަނޑުގެ ފަރަގަކާއެކު މިސެޓުވެސް ކާމިޔާބުކުރީ ކުޑަގޮހޮޑާއިންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަގޮހޮޑާގެ ރީޝާ މުހައްމަދު އެވެ.
01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް، ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވާއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
މީގެ އިތުރުން މިމުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި 2023 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް ބީޗު މާޓް ހަމަޖައްސާފައިވައިރު، ކޯ ސްޕޮންސަރ އަކީ އެނޮކްސް ޕަރައިވެޓް ލިމިޓެޑެވެ. އަދި މީޑިއާ ޕާޓްނަތަކީ ގާފު ސްޕޯޓްސް އެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އިނާން ސްޕޮންސަރ ކޮއްފައިވަނީ ޓޫލް އެމްވީގެ ފަރާތުންނެވެ.