
--
އަވަށްޓެރި އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާކަން އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން ނޫހުން ރިޕޯޓުކުރާ ގޮތުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ. އަދި އެދަތުރުފުޅަކީ 2-3 ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް އެނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން އަދި މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެއެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވަޑައިގެންނެވި ފަހުން އިންޑިއާގައި މަންތީ ފަންތީގެ އިސްވެރިއަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޖައިޝަންކަރު އަކީވެސް ރާއްޖެއަށް ރަސްމީ ގިނަ ދަތުރުތަކެއް ކުރައްވާ ބޭފުޅަކަށްވާއިރު މިއީ ޖައިޝަންކަރުވެސް ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ޖައިޟަންކަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެވެ.