logoEN
cocacola
މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓާ : ޕެނަލްޓީގައި އެޓޭކާސް ބަލިކޮށް ރަސްގެފާނު ޗެންޕިއަންކަން ހޯދައިފި

މަޑަވެލި ކައުންސިލް ފުޓްސަލް ފިއެސްޓާ : ޕެނަލްޓީގައި އެޓޭކާސް ބަލިކޮށް ރަސްގެފާނު ޗެންޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

7/30/2024, 7:28:14 PM

# ގދ.މަޑަވެލި# ދިވެހި ކުޅިވަރު

ރަސްގެފާނު އެފްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ:ނަފްސަތު މުހައްމަދު

މަޑަވެލީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2024 ގެ ފައިނަލުގައި އެފްސީ އެޓޭކާސް އާއި ރަސްގެފާން އެފްސީ ވާދަކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ ރަސްގެފާން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ގޮސިޔާ

26 ޖުލައި 2024 އިން 30 ޖުލައި 2024 އަށް ގދ. މަޑަވެލީގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ރަށުގެ ޒުވާންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި މަޑަވެލީ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މި މުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ބައިވެރިވި އިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކައި އެއްމެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭ ގޮތަށެވެ.

އެގޮތުން ރަސްގެފާނު އެފްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެ، ހަތް ޕޮއިންޓާއެކު ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އެފްސީ އެޓޭކާސް ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެ ހަ ޕޮއިންޓާއެކު ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރަސްގެފާނު އެފްސީ އެވެ.

މަޑަވެލީ ފުޓްސަލް ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ދެޓީމު ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރަސްގެފާނު އެފްސީ އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސަމާހް އަންވަރު އެވެ. މިއީ މެދުރޮނގު މަތިން ލިބުނު ބޯޅައެއް ހިފައިގެން ކުރިއަށް އަރައި ކައިރިގައިތިބި އެޓޭކާސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އެރިޔާ ރޮނގުމަތީހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރަސްގެފާން އެފްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެފްސީ އެޓޭކާސް އިން މެޗުގެ ނަތީޖާ އެއްޗަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކީޕަރު މުހައްމަދު ރަޝީދު އެވެ. މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ

މިއާއެކު މެޗުގެ ނަތީޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ރަސްގެފާނު އެފްސީ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އެޓީމު ނަސީހް ހަސަން ސައީދު ކުރިއަށް ފޮނުވާލިފުރަތަމަ ޕެނަލްޓީ އެފްސީ އެޓޭކާސްގެ ކީޕަރު މުހައްމަދު ރަޝީދު ވަނީ ދިފާއުކޮށްފައެވެ. އަދި އެފްސީ އެޓޭކާސްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.

އެޓީމުގެ އަލީ އަސްބާހް ކުރިއަށް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ކެޕްޓަން ނާއިފް ޝަފީޤް ކުރިއަށް ފޮނުވާލި ފަސްވަނަ ޕެނަލްޓީ ރަސްގެފާނު އެފްސީގެ ކީޕަރު އަބްދުﷲ ނިޔާޒް ވަނީ ދިފާއުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-5 ގެ ނަތީޖާއަކުން ރަސްގެފާން އެފްސީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަސްގެފާނު އެފްސީގެ ކީޕަރު އަބްދުﷲ ނިޔާޒް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އަބްދުﷲ ނިޔާޒް (ރަސްގެފާނު އެފްސީ)، ނާއިފް ޝަފީޤް (އެފްސީ އެޓޭކާސް)، އައިމަން ޒާހިރު (ރަސްގެފާނު އެފްސީ)، މުހައްމަދު މުއާދު (ރަސްގެފާނު އެފްސީ) އަދި އައިމަން ސައީދު (ފެނަކަ މަޑަވެލި ބްރާންޗް) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް އަހުމަދު އަބްދުﷲ (ފެނަކަ މަޑަވެލި ބްރާންޗް) ހޮވުނު އިރު، 18 އަހަރުންދަށުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާލު އަހުމަދު (އެފްސީ ޔަންގް ލަޔަންސް) އެވެ.

މީގެ އިތުރުން އެންމެ ޝަރަފުވެރި މަގާން "ކިންގް އޮފް ދަ ޓޯނަމަންޓް" ގެ މަގާމަށް ހޮވުނީ މުހައްމަދު މުއާދު (ރަސްގެފާނު އެފްސީ) އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ