އެންވަރަމެންޓު މިނިސްޓްރީއާއި ވެމްކޯ ގުޅިގެން ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމެއް ފަށައިފި
އަހުމަދު ޝުރާއު
7/30/2024, 9:21:43 AM
--
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެން ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުން ހަރުދަނާކުރުމާއި ގުޅޭ ފޯރަމްއެއް ރ. ދުވާފަރުގައި ފަށައިފި އެވެ.
ޒޯން 2 ގެ 45 ރަށަކުން އަތޮޅުކައުންސިލްތަކާ ރަށުކައުންސިލްތަކުން 96 ބައިވެރިންނާއެކު 2 ދުވަހުގެ މުއްދަތަށް ދުވާފަރުގައި ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދާނީ މިހިނގާ ޖުލައި މަހުގެ 30 އިން 31 ގެ ނިޔަލަށެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ބުނީ މި ފޯރަމްގެ މައިގަނޑު އެއް ބޭނުމަކީ ވޭސްޓް މެނޭޖްމަން ކޯޕަރޭޝަންގެ ފަރާތުން މިރަށްތަކުގެ ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާކުރުމާއި ސަރަހައްދީ ފެންވަރުގައި ޒޯން 2 ގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތާއި ބެހޭ މައުލޫމާތުން ބައިވެރިންނާއި ހިއްސާކުރުން ކަމަށެވެ.
މީގެ އިތުރުން މިހާރު ވެމްކޯއާއި އެއްކޮށް ކުނި މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއި ނުކޮށް ހުރިރަށްރަށް އެފުރުސަތު ފަހިކޮށްދިންނުންވެސް ހިމެނޭ ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.
މިފޯރަމަކީ މިސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސާފު ރާއްޖެ' ޕްރޮގްރާމްގެ ދަށުން ދިވެހި ދައުލަތުގެ ބަޖެޓުންނާއި ވަރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރ. ދުވާފަރުގައި ކުރިއަށްދާ މި ފޯރަމް އިންތިޒާމްތައް ހަމަޖެއްސުމުގައި އިސްވެ ހަރަކާތްތެރިވަނީ ރ. ދުވާފަރު ކައުންސިލްގެ ފަރާތުންނެވެ.