ފްލެޓުލިބޭ މީހުންގެ ފައިނަލް ލިސްޓު އޮކްޓޫބަރު ނިމުމުގެ ކުރިން އާންމު ކުރާނަން: ހައިދަރު
އަހުމަދު ޝުރާއު
7/29/2024, 8:20:21 AM
--
ކުރީ ސަރުކާރުން ފެށި އެސަރުކާރުގެ އެންމެ ބޮޑު ހައުސިންގ މަޝްރޫއު ކަމަށްވާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު، ހައިދަރު ވިދާޅުވެއްޖެ އެެވެ.
ހައިދަރު މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހާޒިރުވެ ކޮމެޓީގެ މެންބަރުން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅަމުން ދާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ. އެގޮތުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުން އަންނަ 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރުގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ކަމުން އޭގެ ކުރިން ފައިނަލް ލިސްޓު އާންމު ކުރައްވާނޭ ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައިދަރު އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން އިއުލާނުކޮށްފައިވާ ފުލެޓު ލިސްޓު ބާތިލު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ނަމަވެސް ފައިނަލް ލިސްޓުގައި ހިމެނޭ މީހުންނަކީ ހަގީގަތުގައި ވެސް ފުލެޓު ހައްގުވާ މީހުންތޯ ކަށަވަރު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލާނަން ވީހައި ވެސް ބޮޑަކަށް ހައްގު ފަރާތްތަކަށްކަން އަޅުގަނޑުމެންނަށް މި ފުލެޓުތައް ހަވާލު ކުރެވެނީ، އެންމެ ބޮޑަށް ބޭނުންވެފައި ތިބި ބަޔަކަށް ދީފިއްޔާ އަޅުގަނޑަށް ހީވަނީ ކުއްޔަށް ދިނުމާއި އެތަނުގައި ދިރިނޫޅުމުގެ މައްސަލަތައް ނާންނާނެހެން، އެކަން އަޅުގަނޑުމެން ޔަގީން ކުރާނަން، މިނިސްޓަރީން،" ހައިދަރު ވިދާޅުވި އެވެ.
ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލާއިރު، ފޯމު ހުށަހަޅައިފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ވެސް ބަލާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ. އަދި އެކަން ކުރާނީ ރަސްމީކޮށް ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު ކަމަށް ހައިދަރު ވިދާޅުވި އެވެ.