ނަޗޯގެ ޝަރަފުގައި ރެއާލް މެޑްރިޑުން ޚާއްސަ ހަފްލާއެއް ބާއްވައިފި
ހަސަން ޝަމްއޫން
7/24/2024, 10:53:29 PM
ނަޗޯގެ ޝަރަފުގައި ރެއާލް މެޑްރިޑުން ބޭއްވި ހަފުލާގެ ތެރެއިން
ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑްގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް 23 އަހަރަށްފަހު ކުލަބު ދޫކޮށްލަން މިންމާފައިވާތީވެ، ނަޗޯގެ ޝަރަފުގައި ރެއާލް މެޑްރިޑުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. އަދި މި ހަފްލާގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އިތުރުން އެޓީމުގެ ލެޖެންޑުންނާއި މިހާރުގެ ކުޅުންތެރިން ވެސް ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނަޗޯ ބުނީ ރެއާލް އިން އޭނާ ވަކިވާނީ، "އަހަންނަށް ކްލަބަށްޓާކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދީފައި،" ކަމަށެވެ.
"އަހަރެން މި ކްލަބުން މި ވަކިވަނީ ކެޕްޓަންގެ ގޮތުގައި، އަދި (ރެއާލްގެ) 15 ވަނަ ޗެމްޕިއަންސް ލީގު ތަށި އުފުލާލި ކެޕްޓަންގެ ޝަރަފާއެކު،" ނަޗޯ ބުންޏެވެެ.
"އަހަރެން މި ކްލަބާ މި ދުރަށް ދަނީ އާ ކަމެއް ތަޖުރިބާކުރަން ބޭނުންވާތީ. އަހަންނަށް މޮޅުވުމާއި ބަލިވުމާއި، ދިރިއުޅެން ދަސްކޮށްދިނީ ރެއާލް މެޑްރިޑް އިން."
އުމުރުން 34 އަހަރުގެ ޑިފެންޑަރު ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސީޒަން ނިމުމުން ޓީމު ދޫކޮށްލަން ބޭނުންވާކަން އޭނާ އޮތީ ޓީމަށް އަންގާފައެވެ. އަދި މިމަހުގެ ކުރީކޮޅު ހިލޭ ޓްރާންސްފާއެއްގައި ސައުދީ އަރަބިއްޔާގެ އަލް ގަދްސިއާ އެކު ނަޗޯ ވަނީ ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނާޗޯގެ ކެޕްޓަންކަމުގެ ދަށުން ރެއާލް ވަނީ މިދިޔަ ސީޒަންގައި ލަ ލީގާ އާއި ސްޕެނިޝް ސުޕަކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މި މަހު ޖަރުމަނުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމުގައިވެސް ހިމެނި، ނަޗޯ ވަނީ މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
އުމުރުން 10 އަހަރުގައި ރެއާލްއާ ގުޅުނު ނަޗޯ ރެއާލް މެޑްރިޑްގައި ހޭދަކުރި 23 އަހަރުގެ ތެރޭގައި އޭނާ ވަނީ އެޓީމާއެކު ޖުމްލަ 26 ތަށި ކާމިޔާބުކޮށްފައެވެ. އަދި ރެއާލްގެ ހުރިހާ އުމުރުފުރައެއްގެ ޓީމުތަކަށް ކުޅުނު ނަޗޯ އެޓީމުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2012 ވަނަ އަހަރެވެ.