ފީފާ "ދަ ބެސްޓް" އެވޯޑް ވިނީސިއަސްއަށް
ހަސަން ޝަމްއޫން
12/17/2024, 8:30:06 PM
ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީސިއަސް ޖޫނިއަރ ފީފާ ދަ ބެސްޓް އެވޯޑާއެކު
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ "ފީފާ ދަ ބެސްޓް" އެވޯޑް ރެއާލް މެޑްރިޑް ފޯވާޑް ވިނީސިއަސް ޖޫނިއަރ ކާމިޔާބުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވުނު ފީފާ ދަ ބެސްޓް އެވޯޑް ހަފްލާގައި މިއަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވިނީސިއަސް އެންމެ ގާތުން ވާދަކޮށްފައިވަނީ މިއަހަރުގެ ބެލެންޑިއޯ އެވޯޑް ކާމިޔާބުކުރި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީއެވެ. އަދި ތިންވަނަ ހޯދީ ރެއާލް މެޑްރިޑްގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ.
ރެއާލް މެޑްރިޑާއެކު ދެފަހަރު ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އުމުރުން 24 އަހަރުގެ ފޯވާޑް ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލަލީގާގެ އިތުރުން ޔުއެފާ ޗެންޕިއަންސް ލީގާއި ޔުއެފާ ސުޕަކަޕް އަދި ސްޕެނިޝް ސްޕަކަޕް ކާމިޔާބުކޮށްފައެވެ. އަދި ޗެންޕިއަންސް ލީގުގެ ސެމީފައިނަލުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު ދެމެޗާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ވިނީސިއަސް އެވެ. އަދި މީގެ އިތުރުން ސްޕެނިޝް ސުޕަކަޕްގެ ފައިނަލުގައި ބާސެލޯނާ ކޮޅަށް ހެދި ހެޓްރިކް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ވިނީސިއަސް ވެގެންގޮސްފައި ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބްރެޒިލްގެ ހަ ވަނަ ކުޅުންތެރިޔާއަށެވެ. އަދި ވިނީސިއަސްގެ ކުރިން ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ބްރެޒިލްގެ ކުޅުންތެރިންނަކީ ރޮނާލްޑޯ، ރިވާލްޑޯ، ރޮމާރިއޯ، ކަކާ އަދި ރޮނާލްޑީނިއޯ އެވެ.