
--
މެލޭޝިޔާގެ ގައުމީ އެއާލައިން މެލޭޝިއާ އެއާލައިންސްއިން ރާއްޖެއަށް އޮގަސްޓު 1 ގައި އަލުން ދަތުރުތައް ފަށާނެ އެވެ.

ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެކަން މެލޭޝިއާ އެއާލައިންސްއިން އިއުލާނުކުރީ މިއަހަރުގެ މާޗު މަހުގެ ތެރޭގައި އެވެ.
މެލޭޝިއާ އެއާލައިންސްއިން ދަތުރުތައް ފެށުމާއި އެކު ކޮންމެ ދުވަހަކުވެސް އެއާލައިނުން ރާއްޖެއިން މެލޭޝިއާއަށް އަދި މެލޭޝިއާއިން ރާއްޖެއަށް އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
އެގޮތުން މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ކުއަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެވެ.
ރާއްޖެއަށް ދަތުރުފަށާނެ ކަން އެއާލައިނުން މާޗު މަހު ހާމަކުރުމާއި އެކު އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދުމުގެ ފުރުސަތު އޭރުއްސުރެ ވަނީ ހުޅުވާލާފައި އެވެ.
ރާއްޖޭގެ އިތުރުން އެއާލައިނުން ވިއެޓްނާމްގެ ދަ ނަންގް އާއި ތައިލެންޑުގެ ޗިއަންގް މައި އާއި ދެމެދުވެސް އަންނަ މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަން ވަނީ ހާމަކޮށްފައެވެ
ރާއްޖެއާއި މެލޭޝިއާ އާއި ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަމުން އަންނަނީ އެއާއޭޝިއާއި ބަޓިކް އެއާއިންނެވެ.