
ޕެރިސް އޮލިމްޕިކްސްގައި ބައިވެރިވާ ކޮންމެ އެތުލީޓަކަށް ސެމްސަންގްގެ ޚާއްސަ ފޯނެއް!
# ސެމްސަންގް# ޕެރިސް އޮލިންޕިކްސް 2024--
އަންނަ ހުކުރު ދުވަހު ރަސްމީކޮށް ފަށާ ފެރިސް 2024 އޮލިމްޕިކްސްގައި ބައިވެރިވާ ކޮންމެ އެތުލީޓަކަށާއި އޮފިޝަލުންނަށް ސެމްސަންގްގެ ޚާއްސަ ފޯނެއް ދިނުމަށް ނިންމައިފި އެވެ.

ސެމްސަންގްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޮލިމްޕިކް ގޭމްސް ޕެރިސް 2024 ގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ގޭމްސްގެ 17،000 އެތުލީޓުންނާއި އޮލިމްޕިކް އާއިލާއަށް އޮލިމްޕިކް ގެލެކްސީ ޒެޑް ފްލިޕް6 އޮލިމްޕިކް އެޑިޝަން ފޯނު ދިނުމަށްޓަކައި އެފޯނުތަކުގެ ޚާއްސަ ޝިޕްމެންޓު އިއްޔެ ވަނީ ފަރާންސްގެ ފެރިސްއަށް ގެންގޮސްފައި އެވެ.
ސެމްސަންގ ގެ ޕެރިސް 2024 އޮލިމްޕިކް އެޑިޝަން ފޯނަކީ މި މަހުގެ 10 ވަނަ ދުވަހު ގެލެކްސީ އަންޕެކްޑްގައި އިއުލާނުކުރި މުޅިން އާ ގެލެކްސީ ޒެޑް ފްލިޕް6 ގެ ހާއްސަ އެޑިޝަނެކެވެ.
އެގޮތުން މި ފޯނު ރަސްމީކޮށް ބާޒާރަށް އަދި ނެރެފައި ނުވި ނަމަވެސް މި ފޯނުގެ ޚާއްސަ އެޑިޝަން ޕެރިސް އޮލިމްޕިކްސްގައި ބައިވެރިވާ ކޮންމެ އެތުލީޓަކަށް ލިބިގެންދާނެ ކަމަށް ސެމްސަންގްއިން ބުނެއެވެ.
ސެމްސަންގްއިން ބުނާ ގޮތުގައި ކަސްޓަމް ބިލްޓް މި ސްމާޓްފޯނަކީ ހާއްސަކޮށް އެތުލީޓުންގެ ގޭމްސްގެ ވަގުތުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ފަރުމާކޮށްފައިވާ ސްމާޓްފޯނެއް ކަމަށާއި މިއީ ގެލެކްސީ އޭއައި ހިމެނޭ ފުރަތަމަ އޮލިމްޕިކް އެޑިޝަން ކަމަށެވެ.
މިއީ އެތުލީޓުންނަށް ޕެރިހުގައި ތިބެގެން އާ ތަޖުރިބާތައް ހުޅުވައި، އާ މީހުންނާ ގުޅުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ 100 ޖީބީ 5ޖީ ޑޭޓާގެ އީސިމް އަކާއި އަންލިމިޓެޑް ކޮމްޕްލިމެންޓްރީ ޕަބްލިކް ޓްރާންސްޕޯޓް އެކްސެސް ކާޑާއި އޮފިޝަލް އޮލިމްޕިކް އެޕްލިކޭޝަންތަކެއް ހިމެނޭ ގޮތަށް އެކްސްކްލޫސިވް ހިދުމަތްތަކާއި ބޭނުންތެރި އެޕްލިކޭޝަންތަކުގެ ފުލް ސުއިޓަކާ އެކު ޕްރީ ލޯޑްކޮށްފައިވާ ފޯނެއް ކަމަށްވެސް ސެމްސަންގްއިން ބުނެއެވެ.
ސެމްސަންގް އަކީ އޮލިމްޕިކް އަދި ޕެރަލިމްޕިކްގެ މައި ޕާޓްނަރެކެވެ.