
އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
# ދިވެހި ކުޅިވަރު # ޕެރިސް އޮލިންޕިކްސް 2024ރައިސް އޮފީހުގައި ބޭއްވުނު ދިދަ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންސް
ފްރާންސްގެ ޕެރިހުގައި އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު އަދި ޝަރަފްވެރި ކުޅިވަރު މުބާރާތް، އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލުުމުގެ ޝަރަފް، ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ދުވުންތެރިއާ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.

ދީމާ އާއި އިބާދުﷲ އަށް ދިދަ ހަވާލުކޮށްދެއްވީ، އެ ކަމަށް ހާއްސަކޮށް، މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި،ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވެގެން، މުބާރާތުގައި ވާދަކުރާ ފުރަތަމަ އެތުލީޓު، ދީމާ ވަނީ މީގެ ކުރިން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ނިންމުމުގެ ރަސްމިއްޔާތާއި މިިދިޔަ އަހަރުގެ އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ދިދަ އުފުލައިފަ އެވެ.
އޭގެ އިތުރުން، އާކިޓެކްޗާ އާއި ޓެކްނޮލޮޖީގެ ފަހުގެ ވަސީލަތްތައް ތައާރަފްކުރުމާއި ދައްކާލުމުގެ ގޮތުން ދުބާއީގައި ބާއްވާ އެކްސްޕޯ 2020ގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުސަތު ދިނީ ވެސް ދީމާ އަށެވެ. އެކްސްޕޯ އަކީ ކުޅިވަރުގެ އިވެންޓެއް ނޫން ކަމުގައި ވިޔަސް ދީމާ އަށް މި ފުރުސަތު ލިބިގެންދިޔައީ ކުޅިވަރުގައި އޭނާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ.
އިބާދުﷲ އަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް، ލިބުނުއިރު، މިއީ، އޭނާ އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.
ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ އިބާދުﷲ އަކީ ކުރި އަރަމުން އަންނަ ޒުވާން އެތުލީޓެކެވެ. މި ފަހުން އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސް ތަކުން އެންމެ ރަނގަޅު ޓައިމިންގް އެއް ނެރެފައިވަނީ ވެސް އިބާދުﷲ އެވެ. ޓައިމް ޓްރަޔަލް އަށް ބެލިއިރު، އިބާދުﷲ ގެ ޓައިމިން އަކީ، 10.50 ސިކުންތެވެ.
މީގެ އިތުރުން މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އޮލިމްޕިކްސް އަށް އެންމެ ގިނަ ކުޅިވަރުގެ ބައިވެރިވުމާ އެކު، ބޮޑު ކޮންޓިންޖެންޓެއް ދާނެ ފަހަރެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.
އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. ނަބާހާ އަކީ ބެޑްމިންޓަން އިން ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އަދި އެއް އޮލިމްޕިކްސް އަށް ވުރެ ގިނަ އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި ދިވެހި ފުރަތަމަ އެތުލީޓަކީ ވެސް ނަބާހާ އެވެ.
އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ޖެމެއިކާގައި ޓްރެއިނިން ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އެވެ. އޭނާ އެ ޖާގަ ހޯދީ، ގައުމީ އެތުލީޓުންގެ މެދުގައި ކުރިއަށްދިޔަ ޓައިމް ޓްރަޔަލްގައި ރަނގަޅު ކުރިއެރުމެއް ހޯދައިގެންނެވެ.
މި ފަަހަރުގެ އޮލިމްޕިކްސް އަށް އެންމެ ފަހުން، އެތުލީޓުން ކަނޑައެޅީ ސްވިމިން އެވެ. އެ ގޮތުން، ސްވިމިން އިން އޮލިމްޕިކްސް އަށް ދާ އެތުލީޓުންނަކީ، މުހައްމަދު އާން ހުސައިން އަދި ޢާއިޝަތު އުލްޔާ ޝާއިގް އެވެ.
އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވަނީ ހަމަޖައްސައިފަ އެވެ.