
--
ދަތުރުފަތުގެ ނިޒާމުން ރަށްތަށް ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނޫނު އަތޮޅުގެ ރަށްތަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީ އިންނެވެ. އެގޮތުން މާދަމާ ނޫނު އަތޮޅުގައި މި ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށް އެމްޓީސީސީގެ އޮފިޝަލު ވަނީ މި ނޫހަށް ކަށަވަރުކޮށްދީފައި އެވެ.
އެގޮތުން މި ހިދުމަތް ނޫނު އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވަނީ 50 މީހުންގެ ޖާގައިގެ ދެ ސްޕީޑް ފެރީއާއި އެކުގައި އެވެ.
މާދަމާ ހިދުމަތް ރަސްމީކޮށް ފެށި ނަމަވެސް އާންމުންނަށް ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުން ފެށިގެންނެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެ ސަރަހައްދުތަކުން ހިލޭ ދަތުރު ކުރެވޭނެއެވެ.
ހިލޭ ދަތުރު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ބޭނުމަކީ ކަސްޓަމަރުން ފެރީ ދަތުރުތަކަށް އަހުލުވެރިކޮށް ހިދުމަތް ރަނގަޅަށް ތަޖުރިބާ ކުރަން ފުރުސަތު ދިނުމަށެވެ.
ހިލޭ ދަތުރު ކުރާ މުއްދަތުގައި ފެރީއިން ޖާގަ ހޯދަން ޖެހޭނީ އެ ރަށެއްގެ ކައުންސިލު މެދުވެރިކޮށެވެ.
އާރްޓީއެލްގެ ހިދުމަތް މިހާރު ދެމުންދަނީ ޒޯން 1 (ހއ. ހދ. އަދި ށ. އަތޮޅު)، ޒޯން 2 (ޅ. އަތޮޅު)، ޒޯން 5 (ގއ. އާއި ގދ އަތޮޅު) އަދި ޒޯން 6 ( ފުވައްމުލައް އަދި އައްޑޫ ސިޓީ) ގައެވެ.
މި ހިދުމަތް މިއަހަރުގެ އޮގަސްޓް މަހު ރ. އަތޮޅުގައި އަދި ސެޕްޓެމްބަރު މަހު ބ. އަތޮޅުގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ގުޅުންހުރި

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ބ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށައިފި

ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށައިފި

ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި
