logoEN
PNC TOP 3
ފަހަތުން އަރައި ލަންކާ އިން ދިވެހި ޓީމު ބަލިކޮށްފި

ފަހަތުން އަރައި ލަންކާ އިން ދިވެހި ޓީމު ބަލިކޮށްފި

ހަސަން ޝަމްއޫން

logo

3/23/2026, 11:54:57 PM

# ދިވެހި ކުޅިވަރު # ސާފް ޗެންޕިއަންޝިޕް

ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ރާއްޖެ އިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ސްރީލަންކާ މޮޅުވެއްޖެއެވެ.

PNC MID 2

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާފަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ދިވެހި ޓީމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އިލާން އިމްރާން އެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިލާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދިވެހި ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ދިވެހި ޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލަންކާ ޓީމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ކަތީމް އެވެ.

ލަންކާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އަހުމަދު ހިޖާޒީ ކާމިޔާބުކުރިއިރު، އެޓީމު މިމެޗުން މޮޅުވި ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހުސެއިން އަބްދުﷲ އެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން، ތިން ވަަނަ މިނިޓްގައި އީތަން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އިލާން ބޮލުން ކުރިއަށް ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ސްރީލަންކާ ކުރީގައި އޮވެގެންނެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި މާދަމާ ހަވީރު އޮތީ ބަންގްލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗެވެ. އަދި، ގްރޫޕް އޭގެ މެޗެއް ދެން އޮތީ ބުދަ ދުވަހު އެވެ. އެގޮތުން ނޭޕާލުން ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ނުކުންނައިރު، ބޫޓާނުން ދެ ވަނަ މެޗުގައި ބުދަ ދުވަހުގެރޭ އެޓީމުން ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC