
--
ޗައިނާގެ ހުޅަނގު ދެކުނުގެ ޝޮޕިން މޯލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެ އެވެ.

ސިޗުއާން ޕްރޮވިންސްގެ ޒިގޮންގް ސިޓީގައި ހުންނަ 14 ބުރީގެ ވިޔަފާރި އިމާރާތުގައި އަލިފާން ރޯވާން ފެށީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި ބުރާސްފަތި ދުވަހުގެ އިރުއޮއްސުމާ ހަމައަށް އަލިފާން ނިއްވާ މީހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުނެއެވެ.
އަލިފާން ނިއްވާ މީހުންނާއި ރެސްކިއު ޓީމުން ވަނީ ހާދިސާ ހިނގި އިރު އެމޯލްގެ ތެރޭގައި ތިބި މީހުންގެ ތެރެއިން 75 މީހުން ސަލާމަތުން މޯލުން ބޭރަށް ނެރެފައި އެވެ. ނަމަވެސް އަލިފާނުގައި 16 މީހަކު މަރުވެފައިވާކަމަށް މިހާތަނަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އެގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ޑިޕާޓްމަންޓް ސްޓޯރަކާއި އޮފީސްތަކާއި ރެސްޓޯރެންޓްތަކާއި ފިލްމު ތިއޭޓަރެއް ހުންނަ އިމާރާތުގެ އެންމެ ތިރީގަ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮންސްޓްރަކްޝަން އޮޕަރޭޝަނެއްގެ ތެރެއިން ކަން އިބްތިދާއީ ތަހުގީގަށް އެނގުނު ނަމަވެސް، ވަކި ސަބަބެއް ދެނެގަތުމަށް އިތުރަށް ތަފްސީލީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.