ދެކުނު ކޮރެއާއަށް ކުރަމުން އަންނަ ވިއްސާރާގައި 4 މީހުން މަރުވެއްޖެ
އަހުމަދު ޝުރާއު
7/10/2024, 6:09:17 PM
--
ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތަކުގެ ތަރެއްިން ހަތަރު މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުދަލާއި މަގުތަކާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، 50 ސަރަޙައްދަކަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު ވަނީ ދީފައި އެވެ.
މީގެ އިތުރުން 3500 އަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ދަ އިންޓީރިއާ އެންޑް ސޭފްޓީއިން ވަނީ ބުނެފައި އެވެ.
އިންޓީރިއާ މިނިސްޓަރު ލީ ސަންގް-މިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ބިމުގެ އަޑީގައި ޕާކް ކުރާ ތަންތަނާއި އަންޑަޕާސްތަކާއި ސްޓްރީމްތަކަށް ނުދިއުމަށް އެދޭ ކަމަށެވެ.
އެގައުމުގެ މޫސުމާ ބެހޭ އިދާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އެގައުމުގެ ގިއުމްސަން، ޗުޕުންގްނިޔޮންގް އަދި ގުންސަން އަށެވެ. އެގޮތުން އެސަރަހައްދުތަކަށް ވާރޭވެހިފައިވާ މިންވަރަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މިންވަރެއް ކަމަށްވެސް އެއިދާރާގެ އިސް އޮފިިޝަލަކު ވަނީ ބުނެފައި އެވެ.
ބުދަ ދުވަހު އެއް ގަޑިއިރުގެ ތެރޭގައި 131.7 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، މިއީ ގުންސަން ސިޓީއަށް އެ ސަރަހައްދުގެ އެވްރެޖް ކޮށް އަހަރެއްގެ ތެރޭގައި ވާރޭ ވެހޭ މިންވަރުގެ 10 އިންސައްތަ އަށް ވުރެ ގިނަ އަދަދެކެވެ.
ދެކުނު ކޮރެއާގެ ބްރޯޑްކާސްޓަރުން ވަނީ ކޯރުތައް ފުރި، މަގުތަކުގައި ފެންބޮޑުވާ މަންޒަރު ފެންނަ ފޮޓޯތައް އާންމުކޮށްފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް އެގައުމުން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެގޮތުން ވިއްސާރައިގައި ނޮންސާންގެ އެޕާޓްމަންޓް އިމާރާތެއްގައި ފެންބޮޑުވެ، ލިފްޓެއްގެ ތެރޭގައި އެކަކު ވަނީ މަރުވެފަ އެވެ. ސިއޯޗިއޯންގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއެއް ވެއްޓި، އުމުރުން 70 އަހަރުގެ ފިރިހެނަކުވެސް ވަނީ މަރުވެފައި އެވެ. މީގެ އިތުރުން އުމުރުން 70 އަހަރުގެ އިތުރު ފިރިހެނަކު މަރުވެފައިވަނީ އޭނާގެ ކާރު އޮޔާގޮސްކޯރަކަށް ވެއްޓި ކަމަށާއި އުމުރުން 60 އަހަރުގެ ދަނޑުވެރިޔަކު އޭނާގެ ދަނޑު އިންސްޕެކްޓް ކުރަމުން ދަނިކޮށް ފެން ހިންދާ ނިޒާމެއްގެ ތެރެއަށް ގެނބިގެން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.