މެސީގެ މޮޅު ކުޅުމާއެކު ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ ފައިނަލަށް
ހަސަން ޝަމްއޫން
7/10/2024, 2:00:09 AM
ކެނަޑާ ކޮޅަށް ލަނޑުޖެހުމަށްފަހު އާޖެންޓީނާ ކުޅުންތެރިން އުފާފާޅުކުރަނީ..
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް މިދެޓީމު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފައިވާއިރު، އެޓީމު ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އެކުއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުއަށް ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ކެނަޑާ މުބާރާތުގެ ސެމީފައިލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ވެނަޒުއޭލާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުއަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި މިއީ އެގައުމުގެ ތާރީޚްގައި މިމުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ އާޖެންޓީނާ އިންނެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖޫލިން އަލްވަރޭޒް އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ރޮޑްރީގޯ ޑި ޕައުލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖައަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ އާޖެންޓީނާ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމުޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު 186 މެޗުގައި އޭނާ ކާމިޔާބުކުރި 109 ވަނަ ލަނޑެވެ.
މިއާއެކު މެސީ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ލިސްޓުގެ ދެވަނައިގައި އޮތް އީރާންގެ އަލީ ދާއީ ފަހަތަށް ޖައްސާލުމަށްފަހު މިލިސްޓުގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. މިލިސްޓްގެ އެއްވަނައިގައި އޮތީ 210 މެޗު ކުޅެ ގައުމީ ޓީމަށް 130 ލަނޑު ކާމިޔާބުކޮށްދީފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
އާޖެންޓީނާއިން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ކެނަޑާއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖައަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. މިނަތީޖާއެކު އާޖެންޓީނާ ވެގެންގޮސްފައިވަނީ ފާއިތުވެދިޔަ 31 އަހަރުތެރޭގައި ޖެހިޖެހިގެން ދެފައިނަލުގައި ކުޅޭ ފުރަތަމަ ޗެންޕިއަން ޓީމަށެވެ.
މުބާރާތުގެ ފައިނަލުގައި މިމަހުގެ 15 ވަނަ ދުވަހުގެ ފަތިހު 5:00 ގައި އާޖެންޓީނާ ނުކުންނާނީ މާދަމާ ރޭ ފަތިހު 5:00 ގައި ކޮލަބިއާއި އުރުގުއާއީ ވާދަކުރާ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.