
އީޔޫ ސަފީރު ގީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކައުންސިލްގެ ރައީސަށް އަރުވައިފި
# އީޔޫ - ރާއްޖެ--
ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ހެޑް އޮފް މިޝަން، ގީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލްއަށް މިއަދު އަރުއްވައިފިއެވެ.

ގީލާ އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ޔޫރޭޕިއަން ކައުންސިލްގެ ރައީސް ޗާލްސްއަށް އެރުއްވީ ބްރަސަލްސްގެ ޔޫރޮޕާ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ގީލާ ވަނީ ޔޫރަޕިއަން ކައުންސިލްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ ތަހުނިޔާ ފޮނުއްވައި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު މިހާރު އޮތް ރަޙްމަތްތެރި ކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ވެވުނު ފުރަތަމަ ފްރޭމްވޯކް އެގްރީމަންޓް ކަމަށްވާ "ސަމޯއާ އެގްރީމަންޓް" ނިންމުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އުފެދިފައިވާ ރަނގަޅު އަދި ކުރިއަރަމުން އަންނަ ހަރުދަނާ ކަންކަމަށް މަރުހަބާ ވިދާޅުވެފައެވެ.
ސަފީރު ގީލާގެ އަރިހުގައި ފަސްޓް ސެކްރެޓަރީ މުހައްމަދު ޝައްފާއު އިބްރާހީމާއި ޔޫރަޕިއަން ޔޫނިއަންގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ސެކަންޑް ސެކްރެޓަރީ ހަސަން ނަވާފް ބައިވެރިވެވަޑައިގެންނެވި އެވެ.
ގުޅުންހުރި
އީޔޫ އާއި ބެލްޖިއަމްގެ ސަފީރުގެ މަގާމަށް ދިޔާނާ އައްޔަންކުރުމަށް ކޮމިޓީން ރުހުން ދީފި

ސަފީރު ޤީލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް އަރުވައިފި

އީޔޫ ސަފީރު ގީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫރަޕިއަން ކައުންސިލްގެ ރައީސަށް އަރުވައިފި




