logoEN
WAMCO TOP 1
ސަމޯއާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި

ސަމޯއާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި

# ސަމޯއާ އެއްބަސްވުން# އީޔޫ - ރާއްޖެ

-

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމުޢިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.) ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ ""ޕާޓްނަރޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަރ ޕާޓް" ނުވަތަ "ސަމޯއާ އެގްރީމަންޓް" ގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

THE TRAVELLER AD

މި އެގްރީމެންޓުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯ.އޭ.ސީ.ޕީ.އެސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ރުހުން ދެއްވާފައިވަނީ އިއްޔެ އެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރުމުން، ރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅާފައެވެ. މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި އީޔޫއާ ދެމެދު އިޤްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް އދގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ރާއްޖެއަށް ލިބުމަށްވެސް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މި އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަންއާއި އޯ.އޭ.ސީ.ޕީ.އެސް.އާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.މި އެއްބަސްވުމަކީ އޯއޭސީޕީއެސް ގެ 79 ޤައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.

އޯއޭސީޕީއެސްއަކީ، 1975 ގައި ސޮއިކޮށްފައިވާ "ޖޯޖްޓައުން އެގްރީމެންޓް" ގެ ދަށުން އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.

ކޮމެންޓް
ފަހުގެ
HDC