މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލައިފި, 24 އަހަރުން ދަށުގެ ތިން ޒުވާނުން ޝަރީއަތް ނިމެންދެން ބަންދަށް!
އަހުމަދު ޝުރާއު
7/9/2024, 11:21:00 AM
--
މާލޭގައި ގުރޫޕަކުން މީހަކު ރަހީނުކޮށް އެމީހާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައަކާއި ގުޅިގެން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 21 އަހަރު އަދި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މި 3 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކްރިމިނަލްކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި 3 މީހުންގެ މައްޗަށް ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުން، ޖެހުން އަދި ހުއްދަ ނޫންގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ ތުހުމަތެވެ. މި ކުށްތަށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. އެގޮތުން ތަހުގީގު ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓުތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަށް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓް އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.
ތިން މީހުންގެ މައްޗަށް ވަކިވަކިން ނެރުނު ކޯޓު އަމުރުތަކުގައި ބުނެފައި ވަނީ، މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަކީ އެ މީހުންނާއެކީ މަސައްކަތް ކުރި މީހެއް ކަމަށެވެ. ތިން މީހުން ވެސް ކޯޓުގައި ބުނެފައި ވަނީ އެމީހާ ރަހީނުކޮށްފައި ނުވާ ކަމަށެވެ. އަދި އެމީހާގެ އިނގިލި ވެސް ބުރިކޮށްލާފައި ނުވާ ކަމަށެވެ. އެމީހާގެ އިނގިލި ބުރިވީ ޕަވަޓޫލެއް ބޭނުންކުރިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
ތިން މީހުންވެސް އެކަމަށް އިންކާރުކުރި ނަމަވެސް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މި މީހުން ހައްޔަރު ކުރުމަށް އަމުރުކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި މީހުން ރަހީނު ކުރާ މައްސަލަތައް ވަނީ އިތުރުވެފައި އެވެ.