logoEN
cocacola
އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަށް އިތުބާރު ހިފޭ މަޞްދަރުތަކުން ކަށަވަރުކުރުން މުހިންމު - ހުތުބާ

އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަށް އިތުބާރު ހިފޭ މަޞްދަރުތަކުން ކަށަވަރުކުރުން މުހިންމު - ހުތުބާ

އަލްފާ އަލީ

logo

6/28/2024, 8:12:55 AM

# ހުތުބާ

--

އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވާ މައުޟޫއަކީ, " އިސްލާމް ދީނަކީ މެދުމިނުގެ ދީން" އަށެވެ.

ހުތުބާގައި ބުނެފައިވަނީ, އިސްލާމް ދީނަކީ، މެދުމިނުގެ ދީން ކަމަށެވެ. އެއީ އެންމެ ފުރިހަމަ، އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، އަދި އެންމެ ލުއިފަސޭހަ ދީން ކަމަށެވެ. އަދި ހޭދަކުރުމުގައްޔާއި، އަޅުކަން ކުރުމުގައި ވެސް އިސްލާމް ދީނުގައި އޮތީ މެދުމިން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ވެސް ފެތުރެން ފަށައިފައިވާކަމަށް ހުތުބާގައި ފާހަގަކޯށްފައިވެއެވެ. އޭގެ ތެރޭގައި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުން ފަދަ ކަންކަން ހިމެނެއެވެ.

"މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި އެއް ފިކުރަކީ، ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރުމުގެ ފިކުރެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުޢީ ގުޅުންތައް ކެނޑޭނެއެވެ. ކާވަނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެއެވެ. އޭގެ އިތުރަށް އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައެވެ." - ހުތުބާ

ﷲ تَعَالَى ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވި ގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ."

މިއަދު ފެތުރޭ އަނެއް ފިކުރަކީ، ދީނުގައި ހަރުކަށިވުމުގެ ފިކުރުކަމަށް ހުތުބާގައި ބުނެފައިވެއެވެ. ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ޙައްދުފަހަޅައިދިއުމަކީ، ކީރިތި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ މި އުންމަތަށް މަނާކުރައްވައި، އޭގެ ސަބަބުން އަހަރެމެން ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމެއް ކަމަސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުމެވެ. އެއާ ޚިލާފަށް، އިސްލާމް ދީނުގައި އޮންނަ ގޮތަށް، ޙުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫނެވެ. އަދި ފޭރާން އެޅުމުގައި ޝަރުޢީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫނެވެ." - ހުތުބާ

މިއަދު މަދުން ނަމަވެސް ފެތުރެމުންދާ ބިރުވެރި އަނެއް ކަމަކީ، އިސްލާމް ދީނަށާއި، ދީނީ ޢިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ދީނުގައި ޝަރުޢުކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެނީ އިންޓަނެޓުގައި ބައެއް މަޢުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ޞައްޙަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށެވެ. އެ ފަދަ މަޢުލޫމާތު ގެނެސްދޭ ބަޔެއްގެ އަވައިގައި ޖެހުމުން، މީހުންގެ ޖާނާއި މާލަށް ގެއްލުންދޭން ޖެހިލުން ނުވާ ހިސާބަށް، ބައެއް މީހުންގެ ވިސްނުން ބަދަލުވެއެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ ބޭރުފުށުގެ މާނައާއި، އޭގެ ޙަޤީޤަތާ މުޅީން ތަފާތުވެދާނެއެވެ.

އައްތައުބާ ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ. "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެއުރެން އަތުލައިގަތުމަށް ޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފި ނަމަ، ދެން އެއުރެން މިނިވަންކަމާ އެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."

ބައެއް ޖަމާޢަތްތަކުން މި އާޔަތުގެ މާނަ ބުނެދީފައި އޮންނަނީ، ކޮންމެ ޒަމާނެއްގައި ވެސް، ޙުރުމަތްތެރިވެގެންވާ މައްސަރުތައް ނިމުމާ އެކު، މުޝްރިކަކު ފެނުނު ކޮންމެ ތަނަކުން އެ މީހަކު ޤަތުލުކުރަން ޖެހޭނެކަން ދޭހަވާ ގޮތަށް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އާޔަތުގައި އެ ވަނީ ހަނގުރާމައިގެ ޙާލަތުގައި ކަންކުރާން ޖެހޭ ގޮތް ކަމަށާއި, އެ ނޫން ޙާލަތްތަކުގައި މުޝްރިކުންނާއި ކާފިރުންނަށް، މުސްލިމުންނާ އެކު، އަމާންކަން މަތީ ދިރިއުޅެވޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެ މީހުންނާ މުޢާލަމާތްތައް ކުރެވޭނެ ކަމަށާއި, އިސްލާމް ދީނުގައި، ޛިއްމީންނާއި، މުސްތައުމަނުންނާއި، މުޢާހަދުންނަށް، މުސްލިމުންނާ އެކު އަމާންކަންމަތީ ދިރިއުޅުމުގެ ޝަރުޢީ މިންގަނޑުތަކެއް ވާ ކަން ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިސްލާމީ ޤައުމުތަކުގައި މިއަދު ވެސް ޢަމަލުކުރަމުން އަންނަނީ އެ ގޮތަށް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ