--
ޔަހޫދީން ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގައި ސިއްހީ ނިޒާމު ބަލިކަށިވެފައި އޮތް ޣައްޒާއަށް މޮރޮކޯއިން 40 ޓަނުގެ ސިއްހީ އެހީ ފޮނުވައިފަ އެވެ.
މި އެހީގެ ތެރޭގައި ފިހިފައި ހުންނަ ތަންތަނަށް ފަރުވާދޭ ސާޖިކަލް އިކުއިޕްމަންޓާއި ސާމާނުގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ބޭސް ވެސް ހިމެނޭ ކަމަށް އެ މޮރޮކޯގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ މެދުވެރިކޮށް ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ބޯޑަރު ކްރޮސިން އިންނެވެ. މޮރޮކޯއިން އެންމެ ފުރަތަމަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ މާޗް މަހުވެސް ބޭނުންކުރީ އެ ކްރޮސިން އެވެ.
މޮރޮކޯއިން މި އެހީތަށް ވައިގެ މަގުން ފޮނުވީ އިޒްރޭލަށެވެ. އަދި އެހީތަށް ކެރެމް ޝަލޯމް ކްރޮސިންގއަށް ގެންދިޔުމުގައި މޮރޮކޯގެ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް މޮރޮކޯ ސަރުކާރުން ބުނެއެވެ. މޮރޮކޯއަކީ އިޒްރޭލާއި ގުޅުން ބާއްވަމުން އަންނަ ގައުމެކެވެ.
މޮރޮކޯގެ ކަމާބެހޭ ފަރާތްތަކުން އިސްރާއީލާ އެކު އޮންނަ ގުޅުމުގެ ބޭނުން ކުރަނީ ސުލްހަ ގާއިމުކޮށް ފަލަސްތީނުގެ ހައްގުތައް ދިފާއުކުރުމަށް ކަމަށް ބުނި ނަމަވެސް ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ މޮރޮކޯގެ ސިޓީތަކުގައި އެގައުމާއި އިޒްރޭލުގެ ގުޅުމާއި މެދު ފާޑުކިޔައި ގިނަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.