ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަންނަ މަހު އަލުން ފަށަނީ
އަހުމަދު ޝުރާއު
6/24/2024, 9:38:19 AM
--
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް އަންނަ މަހު އަލުން ފެށިގެންދާނެކަން ހާމަކޮށްފި އެވެ.
މިކަން ހާމަކުރެއްވީ ރޭ ބޭއްވި ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.
އެގޮތުން ރައީސް ވިދާޅުވީ ޤައުމީ ބޮޑެތި މައްސަލަތައް ފިޔަވާ މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ވަޒީފާއާއި ގެދޮރުވެރިކަން ކަމަށާއި އެގޮތުން އެމަނިކުފާނުގެ ގެދޮވެރިކަމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ ރަސްމާލޭގެ މަޝްރޫއުގެ މަސައްކަތް އަލުން އަންނަ މަހުގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން މިގެންދަނީ ވަރަށް ބާރު ސްޕީޑެއްގައި. އިރާދަ ކުރެއްވިއްޔާ މިއަންނަ މަހުގެ ތެރޭގައި, މިހާރު މަޑުޖެހިފައި މިއޮތް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރީ-ސްޓްޓާވެ, އަލުން ފެށޭނެ." ރައީސް ވިދާޅުވި އެވެ.
އެގޮތުން ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ކުރިންވެސް ހިއްކަން ނިންމާފައި އޮތް 1100 ހެކްޓަރުގެ ބިން ހިއްކާ ހިއްކާ މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
މި މަސައްކަތް
ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ހަދަން ކުރިން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާތީ އެ ކުންފުންޏާއެކު ކުރިޔަށް ނުދާން ސަރުކާރުން ވަނީ ނިންމާފައެވެ.