
--
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އިތުރު ޝިޕްމެންޓެއް އެރަށަށް ގެންގޮސްފި އެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީއިން މިއަދު ވަނީ މި މަޝްރޫއުގެ ތަފްސީލްތައް ހާމަކޮށްފައެވެ. އެގޮތުން އެމްޓީސީސީއިން ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިގެ 3 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތްވެސް ވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެ އިތުރުން، ކުރީގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ %87 ވަނީ ނިމިފައިކަންވެސް އެކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސްޖެހުމާއި، 81 މީޓަރުގެ ސަރަހައްދެއްގައި ނެރު ތޮށިލުމާއި، 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާއި، 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި،9270 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން އެމްޓީސީސީއާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 88.36 މިލިއަން ރުފިޔާއަށެވެ.




