
ރޮނާލްޑޯ ރެކޯޑްހެދި މެޗުގައި ތުރުކީ އަތުން ޕޯޗުގަލްއަށް ފަސޭހަ މޮޅެއް
# ޔޫރޯ 2024 # ބޭރު ދުނިޔޭގެ ކުޅިވަރުޕޯޗުގަލްގެ ތިންވަނަ ލަނޑު ބުރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދެނީ
ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް އެފްގައި ޕޯޗުގަލް އާއި ތުރުކީ ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި ޕޯޗުގަލް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖައަކުން ޗެކް ރިޕަބްލިކު އަތުން އެޓީމު މޮޅުވެފައިވާއިރު، ތުރުކީގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖައަކުން ޖޯޖިއާ ބަލިކޮށްފައެވެ.
މިރޭގެ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ރަފައެލް ލެއާއޮ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެނާޑޯ ސިލްވާ ކާމިޔާބުކުރިއިރު، އެޓީމުގެ ދެވަނަ ލަނޑަކީ ތުރުކީގެ ޑިފެންޑަރު ސަމެޓް އަކޭޑިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މީގެ އިތުރުން މިމެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ.
މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ޔުއެފާ ޔޫރަޕިއަން ޗެބްޕިއަންޝިޕްގެ ތާރީގުގައި އެންމެ ގިނަ ލަނޑުޖެހި (14) ކުޅުންތެރިއާގެ ރެކޯޑުގެ އިތުރުން، އެންމެ ގިނަ ލަނޑުޖެހުމަށް އެހީތެރިވި (8) ކުޅުންތެރިއާގެ ޝަރަފު ރޮނާލްޑޯއަށް ވަނީ ލިބިގެން ގޮސްފައެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނާގައި ޕޯޗުގަލް އޮތްއިރު، މިމެޗުން ބަލިވި ތުރުކީއަށް ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނާގައެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ރެއާލް އަތުން ބަލިވެ ޕަޗޫކާ މުބާރާތުން ކަޓައިފި
.jpg&w=3840&q=75)
ކުލަބު ވޯލްޑްކަޕް: ޔިލްޑިޒްގެ މޮޅު ކުޅުމާއެކު ވިދާދް ބަލިކޮށް ޔުވެންޓަސް ގުރޫޕްގެ އެއްވަނައަށް

ކުލަބު ވޯލްޑްކަޕް: އިންޓަ މިލާން އަތުން ބަލިވެ އުރެވާ ރެޑްސް މުބާރާތުން ކަޓައިފި
