
--
ޗައިނާގެ ދެކުނުގެ ގުއާންޑޮންގް ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 47 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ހުކުރު ދުވަހު ބުނީ މެއިޒޫ ސިޓީގައި އިތުރު 38 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި މީގެ ކުރިން އެހެން ހިސާބުތަކުން 9 މީހަކު މަރުވި ކަން ކަށަވަރުވެފައިވާ ކަމަށެވެ.
އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކުރި ބާރުގަދަ ވިއްސާރާގައި ބޯކޮށް ވާރޭވެހި އެ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. މަރުވި މީހުންގެ އަދަދު އިތުރުވަމުންދާއިރު ކަމާބެހޭ ފަރާތްތަކުން ވަނީ ހުކުރު ދުވަހު އެގައުމުގެ އެހެން ސަރަހައްދުތަކުގައި އިތުރަށް ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި ވިއްސާރައިގެ ސަބަބުން 55،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު، އެތައް ހާސް ގެތަކަށާއި މަގުތައް ހަލާކުވެފައިވާ ކަމަށް އެ އެގައުމުން ދައުލަތުގެ މީޑިއާއިން ބުނެއެވެ.
މި ކާރިސާގެ ސަބަބުން ސީދާ އިގްތިސާދީ ގޮތުން ޖިއާއޯލިން ކައުންޓީއަށް 3.65 ބިލިއަން ޔުއާން (503 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މައިކްސިއަން ޑިސްޓްރިކްޓްގައި 1.06 ބިލިއަން ޔުއާން (146 މިލިއަން ޑޮލަރު) އަށް ގެއްލުން ލިބިފައިވާ ކަމަށް ވަނީ ބުނެފައި އެވެ.