--
ދުނިޔޭގެ މަޝްހޫރު ތަނެއް ކަމަށްވާ އިނގިރޭސިވިލާތިގެ ސްޓޯންހެންޖްއަށް ބަޔަކު ގެއްލުންދީފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ސްޓޯންހެންޖަށް މިއަދު ބަޔަކު ވަނީ އޮރެންޖު ކުލައިގެ ސްޕްރޭ ކޮށްފައެވެ. އެމަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މި ކަން ހިނގާފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން މިއަދު މެންދުރުގެ ވަގުތެއްގައި އެވެ. އެގޮތުން ޖަސްޓް ސްޓޮޕް އޮއިލް ނަމުގައި މުޒާހަރާކުރާ ބަޔަކު ކަމަށް ބުނާ ބަޔަކު ވަނީ ސްޓޯންހެންޖްގެ ދެ ގަލަކަށް ވަރަށް ބޮޑަށް އޮރެންޖު ކުލަ ސްޕްރޭކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން މިކަން ކުރި ކަމަށްބެލެވޭ ދެމީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާއި ގުޅިގެން އިނގިރޭސި ހެރިޓޭޖްގެ ތަރުޖަމާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.
ސްޓޯންހެންޖް އަކީ އިގިރޭސި ވިލާތުގެ ވިލްޝަޔަރ ގައި އެމްސްބަރީގެ 3.2 ކިލޯ މީޓަރު ހުޅަގުން، ސަލިސްބަރީގެ 13 ކިލޯމީޓަރު އުތުރުން އޮންނަ ތާރީޚީ ތަނެކެވެ. ސްޓޯންހެންޖް އަކީ ބިންމަތީގައި ވަކިގޮތަކަށް އަތުރާލެވިފައިވާ ބޮޑެތި ހިލަ ގާތަކެކެވެ. ބައެއް އިމާރާތްކުރުމުގެ ފަންނުވެރިން ބުނާގޮތުގައި މިހިލަތައް ކޮޅަށް ޖަހައި އަތުރާފައިވަނީ މީލާދީގެ 2500 ވަރަކަށް އަހަރު ކުރިންނެވެ. ސްޓޯންހެންޖް ގައި ހިމެނޭ ހިލަތަކުގެ ފުރަތަމަ ބައިގެ ހިލަތައް ހުންނަނީ ވަށްބުރެއް ވާގޮތަށް އަތުރާލެވިފައެވެ.