
--
ދިރާގުން މިހާތަނަށް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ޕްރޮމޯޝަން، "ވިން އަ ޓެސްލާ" ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ދިރާގުން ބޭއްވި ޢީދު ޝޯގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުން ޖެނުއަރީ މަހުގެ ނިޔަލަށް އެ ޕްރޮމޯޝަންގައި ބައިވެރިވި އެތައް ކަސްޓަމަރެއްގެ ތެރެއިން ގުރުއަތުން ހޮވުނީ މުސްތަފާ މުޙައްމަދު އެވެ.
ދިރާގުގެ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެދުގައި ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
ދިރާގުން މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ 31 ޖަނަވަރީ 2024ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ މެދުގައެވެ.
އެ ޕްރޮމޯޝަނުން ހުށަހަޅާފައިވާ ޓެސްލާ ކާރު މޮޑެލް 3 އަކީ 42,490 ޑޮލަރު (654,770 ރުފިޔާ)އިން އަގު ފެށޭ ކާރެކެވެ.
ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ޓެސްލާ ކާރުތަކުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެޕުން ކޮންޓްރޯލްކޮށް، އޮޓޯޕައިލެޓްގައި ދުއްވުން ހިމެނެއެވެ.