
ހޫތީން ހަމަލާދިން ކަމަށްބުނާ މަނަވަރު
ހޫތީން ރަތް ކަނޑުން ދަތުރުކުރި އިނގިރޭސިވިލާތުގެ މަނަވަރަކަށް ހަމަލާދީފި އެވެ.

ޔަމަނުގެ ހޫތީ ޖަމާއަތުން ބުނީ ރަތް ކަނޑުގައި އޮތް އިނގިރޭސި ވިލާތުގެ ޑިސްޓްރޯޔަރެއް ކަމަށްވާ އެޗްއެމްއެސް ޑައިމަންޑަށް ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
ހޫތީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާއަކީކާމިޔާބު ހަމަލާއެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ޖަމާއަތުން ބުނީ ނޯޑާނީ އާއި ޓަވްވިޝީ ނަމަކަށް ކިޔާ ވިޔަފާރީގެ ދެ އުޅަނދަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.
ހޫތީން އިނގިރޭސި މަނަވަރަކަށް ދިން ހަމަލާއާއި ގުޅިގެން އިންގިރޭސި ވިލާތުގައި އަސްކަރިއްޔާއިން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުއާއި ދެކޮޅަށް އިޒްރޭލާއި އެގައުމަށް ވާގިވެރިޔާ ގައުމުތަކާއި ފަރާތްތަކުގެ މަނަވަރުތަކާއި ބޯޓުތަކަށް އަމާޒުކޮށް ހޫތީން އަންނަނީ ރަތް ކަނޑާއި އަރަބި ކަނޑުގައި ހަމަލާތައް ދެމުންނެވެ.