![ރައީސްގެ އިންޑިއާ ދަތުރުފުޅާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ - ޒަމީރު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F6%2FGDQyEafbgAAs9IL.jpeg&w=3840&q=75)
ރައީސްގެ އިންޑިއާ ދަތުރުފުޅާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ - ޒަމީރު
# ޚާރިޖީ ވަޒީރު މޫސާ ޒަމީރުރައީސް މުއިއްޒު އާއި މޫސާ ޒަމީރު
ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި އެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ޒަމީރު މިފަދައިން ވިދާޅުވީ މިރޭ ރައީސް މުއިއްޒުއާއި އެކު އިންޑިއާއަށް ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއާއި އިންޑިއާ ދެމެދު އޮތް އެކުވެރިކަމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އެމަނިފާނަށް އޮތް ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އިސް ވަފުދު އިންޑިއާއަށް ފުރާވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރިންނެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު އާއި ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝައުގީގެ އިތުރުން އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މައުލޫމާތު ލިބޭގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާއި ދެމެދު އިގްތިސޯދީ ގޮތުން ގުޅުން ބަދަހި ކުރުމާއި އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ލޯންތަކާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައި ވަނީ މި ޖޫންމަހުގެ 9 ވާ އާދިއްތަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.