
--
ޒުވާން ރާޅާއެޅުންތެރިޔާ ކަޔާން އަބްދުﷲ އަރީފް ދިރާގުގެ ޔޫތު ބްރޭންޑު އެމްބެސެޑަރުގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އަށާރަ އަހަރުން ދަށުގެ ރާޅާ އެޅުމުގެ ޗެމްޕިއަން ކަޔާން އަށް ދިރާގުގެ ޒުވާން އެމްބެސެޑަރުކަން ހަވާލުކޮށްދެއްވީ އެކަމަށްޓަކާ އާޓިފިޝަލް ބީޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޑިރެކްޓާ ބްރޭންޑު އެންޑް މާކެޓިން މުހައްމަދު މިރުޝާން ހަސަން އެވެ.
ކަޔާން އަކީ 18 އަހަރުން ދަށުގެ ރާއްޖޭގެ އެއްވަނަ ރާޅާ އެޅުންތެރިޔާ އެވެ. ޖޫނިއާ ކެޓަގަރީގެ 3 މުބާރާތެއް އޭނާ ވަނީ މިފަހުން ކާމިޔާބު ކޮށްފަ އެވެ.
ކަޔާން އަށް އެމްބެސެޑަރުކަން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިރުޝާން ވިދާޅުވީ ކަޔާން ފަދަ އަރަމުން އަންނަ ހުނަރުވެރި ޒުވާނަކު ދިރާގުގެ ޔޫތު އެމްބެސެޑަރުގެ ގޮތުގައި މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުންފުނިން ޒުވާނުން ބާރުވެރިކުރުވުމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަންދޭ ކަމަށާއި އެންމެ ރަނގަޅު ގޮތުގައި ދެމިހުރުމަށް ކަޔާންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވިއެވެ.
ދިރާގުން ވަނީ މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ރާޅާއެޅުމުގެ ހަރަކާތެއް ވެސް އާޓިފިޝަލް ބީޗުގައި މިއަދު ބާއްވައިފައެވެ.
ދިރާގުގެ އެމްބެސެޑާޝިޕް ޕްރޮގްރާމުގެ ދިގު ތާރީހުގައި އެތުލީޓުންނާއި އާޓިސްޓުންގެ އިތުރުން މަޝްހޫރު މީހުންނާ ގުޅިގެން ވަނީ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި އަހްމަދު ނާޝިދު (ޒީރޯ ޑިގްރީ)، އިބްރާހިމް އަރީފު (ރާޅާއެޅުންތެރިއެއް)، އަބްދުލް ގަފޫރު އަލީ (ގައްބެ)، ހަސަން ސާއިދު އަދި ޒޫނާ ނަސީމް (ޒޫންޓި)ގެ އިތުރުން ޓީޓީ ތަރި ދީމާ އަލީ ވެސް ހިމެނެ އެވެ.