ފަސޭހަކަމާއެކު ހޯކެޓްސް ބަލިކޮށް ސެމީގެ ފަހު ޖާގަ ތުޅާދޫއަށް
ހަސަން ޝަމްއޫން
6/7/2024, 7:37:23 PM
ހޯކެޓްސް އާއި ތުޅާދޫ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި މިރޭ ހޯކެޓްސް އާއި ތުޅާދޫ ވާދަކުރި މެޗު ފަސޭހަކަމާއެކު 33-15 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ ތުޅާދޫ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ހޯކެޓްސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ތުޅާދޫ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފު 20-7 ގެ ނަތީޖާއަކުން ތުޅާދޫ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު 13 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ހޯކެޓްސްއަށް ކާމިޔާބުކުރެވުނީ އަށް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫގެ ރިޒުނާ މުހައްމަދު އެވެ. އޭނާ ވަނީ މިމެޗުގައި ހަ ލަނޑު ކާމިޔާބުކުރުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައިދީފައެވެ.
މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވުނުއިރު، ކުއާޓާ ފައިނަލު މެޗުތައް ނިމި ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމު މިހާރު ވަނީ ޔަގީންވެފައެވެ. އަދި ސެމީ ފައިނަލް ދެ މެޗު ކުޅުމަށް މިހާރު ހަމަޖެހިފައި ވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ އެގާރަވަނަ ދުވަހުގެ ރޭ އެވެ.