logoEN
cocacola
 އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް - ހުތުބާ

އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް - ހުތުބާ

އަލްފާ އަލީ

logo

6/7/2024, 8:24:30 AM

# ހުތުބާ

--

އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ, "ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތު" މި މައުޟޫގެ މައްޗަށެވެ.

މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްތީނުގެ އަޑު އިވެމުން އަންނައިރު, އެތަނަކީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެއް ކަމަށް ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކަ ދެކެވޭ އިރު، އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަކީ، ކީރިތި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ ގެ ނުބުއްވަތުގެ ތެދުކަން ކަށަވަރުކުރެއްވުމަށާއި، އިތުރު އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައި މާތް اﷲ އިތުރުއެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުޢުޖިޒާތެކެވެ.

"އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްޠީނު ވަކިވެގެން ނުދާނެކަމެވެ. އިސްރާއަކީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ރޭގަނޑުން ބައެއްގައި އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މިޢުރާޖަކީ އަލްމަސްޖިދުލްއަޤްޞާއިން މަލަކޫތީ ޢާލަމަށް އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މައްކާއާއި ބައިތުލްމަޤްދިސަކީ ގުޅި ލައިމެހިފައިވާ، ތައުޙީދުގެ ރިސާލަތުގެ ދެ ދަންމަރެވެ" - ހުތުބާ

އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާއާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެެއް ނުވާ ވަރުގަދަ ގުޅުމެކެވެ. އަދި އަލްއަޤްޞާ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމެވެ. އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެއެވެ.

ހުތުބާގައި ބުނެފައިވަނީ, އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ ކަމަށެވެ. އަދި އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.

"ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެކެވެ. މި ހުރިހައި ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށެވެ. މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތިއެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައެވެ." - ހުތުބާ

ހުތުބާގައިވަނީ މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް, އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވައިލާފައެވެ.

އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހޭ ކަމަށާއި, ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެވެ. އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެ ނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެތެވެ. މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲ އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެންނެވެ. އެކުވެރިވެ އެއްބައިވަންތަވެގެންނެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެންނެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެންނެވެ." - ހުތުބާ

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ، އެންމެ މުހިއްމު އަޅުކަންތައް އެއްވާ މާތް ދުވަސްތަކެވެ. ނަމާދާއި ރޯދައާއި ޙައްޖާއި ޞަދަޤާތާއި، اﷲ އަށްޓަކައި ޤުރުބާންކުރުން ފަދަ ކިތަންމެ ހެޔޮކަމެއް އެއްވާ ދުވަސްތަކެވެ. މި ދުވަސްތަކުގައި އިސްތިޣުފާރުކުރުމާއި އުންމަތަށް ނަޞްރު ދެއްވުން އެދި ދުޢާކުރުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ. އަދި ޚާއްޞަކޮށް، ޙައްޖު ގެ ދުވަސްވަރު، ޢަރަފާތު ދުވަހު، ފަލަސްޠީނަށްޓަކައި ހެޔޮ ދުޢާކުރުމަށް ވަނީ ގޮވާލާފައެވެ.

އަދި އަލްމަސްޖިދުލްޙަރާމްގައި ނަމާދުކުރަމުންދާ އަޚުންނާއި އުޚްތުން ވެސް އަލްމަސްޖިދުލްއަޤްޞާ މަތިން ހަނދުމަކޮށް އެ ތަނަށް ޓަކައި ދުޢާކުރުމަށްވެސް މިއަދުގެ ހުތުބާގައިވަނީ ގޮވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ