
-
ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ޤާއިމުކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "ޒިނޭކުރުމާއި ފާހިޝް އަމަލުތަކުގެ ނުބައިކަން" މި މައުޟޫއަށެވެ.
ހުތުބާގައި ވިދާޅުވީ, މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ެ. ﷲ تعالى ޙަރާމްކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭކަން ފާހަގަކޮށް ހުތުބާގައި ވިދާޅުވީ, ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް ކަމަށާއި, އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާނެ ކަމަށެވެ.
މި ޒަމާނުގައި މި ޢަމަލުތަކަށް އެއްވެސް ޖެހިލުމެއްނެތި އަރައިގަންނަކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ދާއިރު, ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށްވެސް ހުތުބާގައި ވިދާޅުވެފައިވެއެވެ.
"ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެދެއެވެ. ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެއެވެ. ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަކަށް އަރައިގަނެއެވެ." -ހުތުބާ
ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެކެވެ. މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށެވެ. އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައެވެ.
ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ގިނަ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ. އެގޮތުން ިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ހުތުބާގައި ވިދާޅުވީ, ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢަވެގެން ކަމަށެވެ. ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެން ކަމަށެވެ.
ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ކީރިތި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެކެވެ. ޒިނޭއާއި ފާޙިޝު ޢަމަލުތަކަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެކެކެވެ. ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ ﷲ ޤަބޫލު ކުރައްވައެވެ. ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވައެވެ.
ޒިނޭއާއި ފާހިޝު ޢަމަލުތަކުން ދުރުވެގަތުމަށް ޓަކައި ނަމާދު ޤާއިމުކުރުންމަތީ ދެމިތިބުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ކާވެނިކޮަށް, ކާވެނިކުރުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތު ވުމުގެ ކުރީން ތައުބާވުމަށްވެސް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
