ސަރުކާރުގެ ހަރަދުގައި މިއަދު ހައްޖަށް ގެންދާ 50 މީހުން މާދަމާ ފުރާނެ!
އަހުމަދު ޝުރާއު
6/6/2024, 8:33:35 AM
މާދަމަ ފުރުމަށް ހަމަޖެހިފައިވާ ހައްޖާޖީން
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ނިންމާފައިވާ މީހުން މިމަހުގެ 7 ވަނަ ދުވަހު ފުރާނެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދެވޭ މީހުންގެ ފުރަތަމަ ބެޗްގައި ހިމެނޭ 50 މީހުން 7 ޖޫން ގައި ފުރާނެ ކަމަށެވެ.
މި 50 މީހުންވެސް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރާއްޖެއިން ހައްޖަށް ފުރާ 339 މީހުންގެ ގްރޫޕުގެ ތެރެއިންނެވެ. މާދަމާ ފުރާ ހައްޖާޖީންއަކީ ރާއްޖެއިން މިއަހަރު ހައްޖަށް ދާނެ ފަހު ގްރޫޕުގެ ހައްޖާޖީންނެެވެ. މިއަހަރު ޖުމުލަ 980 ހައްޖާޖީން ރާއްޖޭއިން ހައްޖަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ.
ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ހައްޖަށް ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަން ރަސްމީކޮށް އިއުލާނުކުރެއްވީވެސް ރައީސް މުއިއްޒު އެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، 5 އަހަރުގެ ތެރޭގައި އެކި އަހަރު އެކި އަދަދަށް މީހުން ޙައްޖަށް ފޮނުވޭނެ ކަމަށެވެ.