ދިގު އިންތިޒާރަކަށްފަހު އެމްބާޕޭގެ ހުވަފެން ހަގީގަތަކަށް
ހަސަން ޝަމްއޫން
6/3/2024, 7:00:20 PM
ކިލިއަން އެމްބާޕޭ ރެއާލްގެ ރައީސް އާއެކު
ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑުން، ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެ ކުލަބަށް ސޮއި ކުރިކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ފޯވާޑް ރެއާލް މެޑްރިޑާއި ގުޅިފައިވަނީ ހިލޭ ޓްރާންސްފާއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި އެމްބާޕޭ ރަސްމީކޮށް ދައްކާލުމަށް އެ ކުލަބުން ނިންމާފައިވަމީ މިމަހުގެ 13 ވަނަ ދުވަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާތާތައް ފަހުގައެވެ.
މީގެ އިތުރުން ޔޫރޯގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް، ފްރާންސް ދަތުރުކޮށްފިނަމަ، ރެއާލްގެ ޕްރީ ސީޒަން ޓްއާގައި އެމްބާޕޭ ބައިވެރި ނުވާނެ އެވެ. އަދި ލަލީގާގެ ފުރަތަމަ ހަފުތާގެ މެޗުތަކުގައި ވެސް އެމްބާޕޭ ނުކުޅޭނެ އެވެ. އަދި ރެއާލްގެ ކުޅުންތެރުއެއްގެ ގޮތުގައި އެނާ ފެނިގެންދާނެ ފުރަތަމަ މެޗަކީ އޯގަސްޓް 14 ގައި ޔޫއެފާ ސުޕަ ކަޕްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރެއާލް މެޑްރިޑުން އެމްބާޕޭގެ ސޮއި ހޯދުމަށް 2017 ގައި ވެސް މަސައްކަތް ކުރި އެވެ. އަދި އޭރު މޮނާކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރި، (އޭރު އުމުރުން 18 އަހަރުގެ) އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އެ ކްލަބާ އެކު ވެސް ރެއާލުން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ.
ނަމަވެސް މޮނާކޯއިން ލޯނު އެއްބަސްވުމުގެދަށުން އޭނާ ޕީއެސްޖީ އަށް ދޫކޮށްލި އެވެ. ޕީއެސްޖީން، އެމްބާޕޭއާ އެކު ރަސްމީ އެއްބަސްވުމެއްގައި ސޮއި ކުރުވީ ލޯނު އެއްބަސްވުމަށް އަހަރެއް ފަހުންނެވެ. އޭރު ސޮއި ކުރި އެއްބަސްވުން، ޖޫން 2022 ގައި ހަމަވާން ކައިރިވެފައި ވަނިކޮށް، އޭނާ ރެއާލަށް ބަދަލުވެދާނެ ކަމަށް ވަރަށް ބޮޑަށް މީޑިއާގައި ޚަބަރު ފެތުރުނެވެ.
ނަމަވެސް އެފަހަރު ރެއާލް މެޑްރިޑާއެކު އަނގަބަހުން އެއްބަސްވި ނަމަވެސް، ފަހުވަގުތު ގިނަ ބައެއްގެ ޕްރެޝަރާއެކު އެމްބާޕޭ ވަނީ އެ ނިންމުން ބަދަލުކޮށް ޕީއެސްޖީގެ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އައުކޮށްފައެވެ. އަދި މި އެއްބަސްވުން މިމަހުގެ 21 އަށް ހަމަވާނެއެވެ.
ރެއާލުން، އެމްބޭޕޭ އަށް މުސާރައިގެ ގޮތުގައި އަހަރަކު 13. 3 މިލިއަން ޑޮލަރު ދޭނެ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމުން، މުޅި އެއްބަސްވުމުގެ އަގުގެ ގޮތުގައި އިތުރު 108 މިލިއަން ޑޮލަރު (އެކި އަހަރުތަކަށް ބަހާލައިގެން) ރެއާލުން އޭނާ އަށް ދޭނެ އެވެ.