އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރަން ނިންމުން: މި ކުޑަކުޑަ ރާއްޖެއިން ދުނިޔެއަށް މި ދައްކައިދިނީ ލާމަސީލު ނަމޫނާ!
# އިސްރާއިލް# ފަލަސްތީން - އިސްރާއިލް# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު # ދިވެހި ސަރުކާރުރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ގާފު ގްރެފިކްސް
ސަރުކާރުން އަދި މަޖިލީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް، އެންމެ ގިނަ ނޫސްވެރިން އަމާޒުކުރާ އެއް ސުވާލަކަށްވެފައިވަނީ އެ ސުވާލެވެ. އެ ސުވާލަކީ ފާއިތުވި ހައެއްކަ މަހު، މީސް މީޑިޔާގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުމާއެކު ވެސް އެހި އެއް ސުވާލެވެ. ރައްޔިތުން އެއްވުމެއް ބޭއްވި ނަމަވެސް، އެންމެ ގިނައިން އަހާ ސުވާލަކީ ހަމަ އެ ސުވާލެވެ. މިއަދު މި ލިބުނީ އެ ސުވާލަށް ފޮނި އަދި އުންމީދީ ޖަވާބެކެވެ.

މިއަދު ރާއްޖޭގެ ސަރުކާރުން އެ ދިން އުންމީދީ ޖަވާބަކީ، އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމާ ގުޅޭ ސުވާލުގެ ޖަވާބެވެ. މައިގަނޑު ގޮތެއްގައި ދަންނަވާކަމުގައިވަނީ ނަމަ، އެއީ އޭގެ އެންމެ ފުރަތަމަ އުންސުރެވެ. ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސްގެން އެކަން ރަސްމީކޮށް ކުރުމެވެ. އެ މަސައްކަތް މިއަދުގެ މަޖިލީހުން ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރާއްޖޭގެ މި ސްޓޭންޑާއެކު މިއަދު މުޅި ބައިނަލްއަގުވާމީ ދުނިޔެއަށް ރާއްޖެއިން މި ދެއްކީ ލާމަސީލު މިސާލެކެވެ. މި ފިޔަވަޅު އެޅުމަށް ނުވަތަ މި ފިޔަވަޅު އަޅާނެ ކަމާ މެދު އިއުލާން ކުރުމަށް މި ސަރުކާރަށް ހައެއްކަ މަސް ނެގި ނަމަވެސް، އެ ފިޔަވަޅަކީ މިއަދު މުޅި ރާއްޖެ އެކަމަކާ މެދު ފަޚްރުވެރިވާކަމެކެވެ. އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ.
މި ދިވެހިންގެ އެއްބަނޑު އެއްބަފާ އަޚުންނާއި އުޚްތުންތަކެއްގެ ގޮތުގައި ދެކޭ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ މެދު ލާއިންސާނީ ޖަރީމާތަކާއި އަނިޔާތަށް ހިންގުމަށްފަހު، އަރާމުކޮށްލުމަށް މި ދިވެހި ފަސްގަނޑުގައި އިސްރާއީލުގެ ރައްޔިތުން ތިބުމަކީ ދިވެހީން އެދޭ ގޮތެއް ނޫނެވެ. އެކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ކިތަންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި ނަމަވެސް، މިކަމުގައި ދިވެހިން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.
އެހެން ނޫނަސް، ފަތުރުވެރިކަމުގެ ނަންބަރުތައް ދައްކާ ގޮތުން އިސްރާއީލުގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ބޮޑު ހިއްސާއެއް އަދާކުރާ ބައެއް ވެސް ނޫނެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު އިސްރާއީލުގެ ރައްޔިތުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުޑަ ހިއްސާއެއް އަދާކުރާ އެއް ބައެވެ. އެއީ އެ މީހުން ރާއްޖެ އައުމުގެ ނަންބަރުތަކުން ފެށިގެން، ތިބުމާއި އަދި ތިބޭ ދުވަސްތައް އެކީގައި ބެލިއިރު ވެސް މެއެވެ.
ކޮންމެއަކަސް މިއަދު ސަރުކާރުން އެ ނިންމި ވަރުގަދަ ނިންމުން، ވީހާ ވެސް އަވަސް ގޮތެއްގައި މަޖިލީހުގެ ތެރެއިން ނިމި، ރަސްމީ ސިފައެއްގައި އިއުލާންކުރެވުމަކީ ދިވެހީން އެދޭ ގޮތެވެ. ފަލަސްތީނުގެ މައްސަލައިގައި ދިވެހީންނަށް މާ ބޮޑު ކަމެއް ނުކުރެވުނު ނަމަވެސް، ގައުމެއްގެ ހައިސިއްޔަތުން ސަރުކާރަކުން އެފަދަ ނިންމުމެއް ނިންމުން ވާނީ އެކަމާ މެދު ދިވެހި ކޮންމެ ރައްޔިތަކު ވެސް ފަޚްރުވެރިވާނެ ކަމަކަށެވެ. ބައިނަލްއަގުވާމީ ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުގެ ވެރީންގެ ކުރިމަތީގައި ދިވެހީންނާއި ރާއްޖޭގެ އަގު ވެއްޓުނު ނަމަވެސް، ޖުމްލަ ގޮތެއްގައި އެކަން ވެގެންދާނީ ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖޭގެ ނަން ރަން އަކުރުން ފަވާލެވޭނެ ކަމަކަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ހެޔޮ އަސަރެއް ކުރުވަން މަގުފަހިކުރާނެ ކަމަކަށެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ރައްޔިތުންނަށް ހަމަލާދެމުންދިޔަ ޔަހޫދީންގެ ޓޭންކަރަކަށް ހަމާސްގެ ބޮޑު ހަމަލާއެއް: ޔަހޫދީ ސިފައިންތަކަށް ބޮޑެތި އަނިޔާތަކެއް!

ޔަހޫދީން ސީރިއާގެ އަސްކަރީ އެއާބޭސްއަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި
