ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތަށް ހުޅުމާލޭގައި ކުރިޔަށް ގެންދަނީ
އަހުމަދު ޝުރާއު
6/1/2024, 3:06:10 PM
ކްރިމިނަލް ކޯޓު
ޖާގައިގެ ދަތިތަކަަމަށް ވަގުތީ ހައްލެއް ހޯދައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީޢަތްތައް ހުޅުމާލޭގައި ކުރިޔަށް ގެންދިޔުމަށް އެކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ ރަސްމީ އެކްސް އެކައުންޓުގައި މިރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 2 ޖޫން 2024 އިން ފެށިގެން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް ވަނީ ބުނެފައި އެވެ.
އެކޯޓުން އިތުރަށް ބުނީ 22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީ އިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން، ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ 1 ޝަރީޢަތްކުރާ މާލަމުގައި ކަމަށެވެ.
ނަމަވެސް ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެ ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީޢަތްކުރާ 03 މާލަން ހުސްކުރެވިފައިވުމާއި އެކު މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައި އެވެ.
އެގޮތުން މި 6 މާލަން 11 ޤާޟީންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަސްވީ މައްސަލަތަކާއި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ނިންމާފައިވާކަމަށްވެސް ވަނީ ހާމަކޮށްފައި އެވެ.
ވޭތުވެ ދިޔަ ދޮޅު އަހަރެއްހައި ދުވަސްތެރޭގައި ކޯޓުގެ އެންމެ މާލަމެއްގައި ޝަރީޢަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި 2934 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށްފައިވާކަމަށް އެކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 520 ޤަޟިއްޔާ ކޯޓުން ނިންމާފައިވާކަމަށްވެސް ދައްކައެވެ.