
ދަނގެތި ޕޮލިސް ސްޓޭޝަން
އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަން ކުރަންވެގެން ފީނަން ފައިބައިގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި ނިޔާވި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ ދަނގެތި ކައިރިއަށް މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 07:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން ލޯންޗުން ޖެހުނު މީހާ އދ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކެވެ.
މި މައްސަލައާއި ގުޅިގެން ލޯންޗު ދުއްވި ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށް މީޑީއާ އޮފީޝަލް ދާދި ދެންމެ އަކު ވަނީ ބުނެފައި އެވެ. އެގޮތުން އޭނާއަކީ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.