
ދަނގެތީގެ ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން އަންނަނީ: އައު އިންޖީނުގޭގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
# ސްޓެލްކޯ# އދ. ދަނގެތި--
އދ. ދަނގެތީގައި އަލަށް ޤާއިމްކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ސްޓްލްކޯއިން މިއަދު މި މަޝްރޫއު ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
އެގޮތުން މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައިސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ. އަދި މަސައްކަތާއި ހަވާލުވި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީން އެވެ.
މިއަދު ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ސްޓެލްކޯއިން ބުނީ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 14،870،413 ރުފިޔާއަށް ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށްވުމުންނާއި، ގެސްޓްހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ. ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމްއަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިވަގުތުވެސް މިހާރުގެ އިންޖީނުގެ އިންތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓްހައުސްތަކަށް ދަތިތަކެއް ކުރިމަތިވާކަމަށާއި، މިއަދުގެ މި އެއްބަސްވުމާއި އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށް މެމްބަރު ވިދާޅުވިއެވެ. ދަނގެތީ ރައްޔިތުންނަށް މިކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި މެމްބަރު ވަނީ ބިންދަތިކޮށް އުޅެމުންވެސް އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސިކަމަށްޓަކައި ދަނގެތީގެ ކައުންސިލަށާއި، ކައުންސިލްރައީސަށް ޝުކުރު ދަންނަވާފައި އެވެ.
ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރިދުވަހެއް ކަމަށާއި، މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ. މިހާރުގެ އިންޖީނުގެ ހުރިތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށާއި، އެކަމުގެ ޝަކުވާބޮޑުކަމަށް، އެހެން ނަމަވެސް މިއަދު މިއީ އެކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށާއި، މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް މުއާވިއަތު ވިދާޅުވިއެވެ. އަދި މިއާއެކީގައި ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދުތަކެއް ހާސިލްވެގެންދާނެ ކަމަށާއި އަދި މިކަމަށް ހައްލުހޯދުމަށްޓަކައި ފަސް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެކަމަށާއި، މިކަމަށް ހައްލު ހޯދަދެއްވާކަމަށްޓަކައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.
ގުޅުންހުރި

ވިނަރެސްގެ ފަސް ވަނަ ޓަވަރުގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

އެމްޕީއެލް ޓަވަރުތަކުގެ ކޮންމެ އެޕާޓްމެންޓަކުން މާދަމާ އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ހިޔާ ޓަވަރު 15 ގެ ކޮންމެ ފްލެޓަކުން މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
