.jpeg&w=3840&q=75)
ސްލޮވޭނިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމުން
ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ސްލޮވޭނިއާ އިން ނިންމައިފި އެވެ.

ސްލޮވީނިއާގެ ބޮޑުވަޒީރު ރޮބަޓް ގޮލޯބް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަތުމަށް ނިންމި ނިންމުމަށް ސްލޮވީނިއާ ސަރުކާރުން ރުހުން ދީފައިވާ ކަމަށެވެ.
"ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން މިއަދު ސަރުކާރުން ވަނީ ނިންމާފައި،" ބުރާސްފަތި ދުވަހު ލުބްލްޖާނާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމަށް އަދިވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުގެ ޕާލަމެންޓުގެ ރުހުން ބޭނުންވާއިރު، އަންނަ އަންގާރަ ދުވަހު އެ ގަރާރަށް ވޯޓަށް އަހާނެ އެވެ.
"އަންގާރަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ޖަލްސާ އޮންނާނީ،" މަޖިލީހުގެ ރައީސް އުރުސްކާ ކްލަކޯކާ ޒުޕަންސިޗް ލުބްލްޖަނާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ސްލޮވީނިއާ ސަރުކާރުން މިހާރު ވަނީ ސްލޮވޭނިއާ އާއި އީޔޫގެ ދިދަތަކާ އެކު ފަލަސްތީނުގެ ދިދައެއް އެގައުމުގެ ސަރުކާރުގެ ރަސްމީ އޮފީހުގެ ބޭރުގައި އުފުލާފައި އެވެ.
މެއި މަހުގެ 28 ވަނަ ދުވަހު ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތެއް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން އިސްރާއީލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރުންގެ ތެރެއިން ސްވިޑަން، ސައިޕްރަސް، ހަންގޭރީ، ޗެކް ރިޕަބްލިކް، ޕޮލެންޑް، ސްލޮވާކިއާ، ރޮމޭނިއާ އަދި ބަލްގޭރިއާ އިން ވަނީ ފަލަސްތީނުގެ ދައުލަތެއް ބަލައިގެންފަ އެވެ. މޯލްޓާ އިން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ރަސްމީ ކޮށް ބަލައިގަންނަށް ނިންމާފައި އެވެ
ގުޅުންހުރި

ޔަހޫދީންގެ ބަޑީގެ ހަމަލާއެއްގައި ފަަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ

ޔަހޫދީން ޣައްޒާގެ ސްކޫލަކަށާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިއަދު މާލޭގައި އެއްވުމެއް ބާއްވަނީ
