ޗައިނާ އީސްޓަންގެ ދަތުރުތައް ދެކުނުގެ އަތޮޅުތަކަށް ފެށުމަށް މަޝްވަރާކޮށްފި
އަހުމަދު ޝުރާއު
5/29/2024, 12:23:34 PM
މިނިސްޓަރ އިބްރާހީމް ފައިސަލް، ޗައިނާ އީސްޓަން އެއަރލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޓެންޓު، އީވީޕީ، ވަން ޗިންގޗާއޯ އާއި އެކު ބޭއްވި ބައްދަލުވުން
ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ. ޗައިނާ އީސްޓާންއިން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވުމަށް ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް، ޗައިނާ އީސްޓަން އެއަރލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޓެންޓު، އީވީޕީ، ވަން ޗިންގޗާއޯ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓަރ ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗޒއިނާ އީސްޓަން އެއަރލައިންގެ އީވީޕީ އާއިއެކު ބޭއްވި ބައްދަލުވުމުގައި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށާއި އަދި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ޗައިނާ އާއި ގުޅާލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
ނަމަވެސް ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއި އެކު ރާއްޖެއަށް ދަތުރުކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ވެރިކަމާއި ހަވާލުވެވަޑައިގެން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ރައީސް އާއި މިނިސްޓަރ ފައިސަލް ވަނީ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ގިނަ މަޝްވަރާތަކެއް އެގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާއި އެކު ކޮށްފަ އެވެ. އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޗައިނާ އީސްޓާންގެ ދަތުރުތައް ރާއްޖެއަށް މިދިޔަ ފެބްުރުއަރީ މަހު ވަނީ ފަށާފައި އެވެ. މީގެ އިތުރުން ޗައިނާގެ އިތުރު އެއާލައިންތަކުންވެސް ރާއްޖެއަށް ދަތުރުތައް ވަނީ ފަށާފައި އެވެ.
ޗައިނާ މާކެޓަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ މާކެޓެވެ.