logoEN
cocacola
މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ - ހުތުބާ

މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ - ހުތުބާ

އަލްފާ އަލީ

logo

5/24/2024, 8:09:26 AM

# ހުތުބާ

--

މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ދިރާސީ އައު އަހަރު (ތަޢުލީމު)" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށެވެ. ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެކެވެ.

"ރަސޫލު ﷲ ސައްލަاللهއަލައިހި ވަސައްލަމަ އަށް، ﷲ سُبْحَانَهُ وَتَعَالَى އެ އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދުޢާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި ޢިލްމުވެރިކަން އިތުރުކޮށްދެއްވުމަށެވެ." - ހުތުބާ
"ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ނޯވެއެވެ. ވަކި ޖިންސެއް ނޯވެއެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހެއެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެކެވެ. ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމެވެ. ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވެއެވެ. " - ހުތުބާ

ހުތުބާގައި ބުނެފައިވަނީ އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާއިރު, މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށެވެ.

މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދިނުމަށްވެސް ވަނީ ގޮވާލާފައެވެ. އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވެ, އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށްވެސް ހުތުބާގައިވަނީ ގޮވާލާފައެވެ.

ދަރިވަރުންނަށްވެސް މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އެގޮތުން ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"މާތް ﷲ ތިޔަ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ދަންނާށެވެ! މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަން ދަންނާށެވެ! އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއްކަން ދަންނާށެވެ! " - ހުތުބާ

ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ދެނެގަތުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އެހެންކަމުން، ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ދަރުވަރުންނަށް ނަސޭހަތްތެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ