
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ދިނުމަށް "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމް ފަށައިފި
# ދަނޑުވެރިކަންމިނިސްޓަރ ރަމީލާ
ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ދަނޑުވެރި މަންފާ"ގެ ނަމުގައި މެޗިންގް ގްރާންޓް ޕްރޮގްރާމެއް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ތައާރަފްކޮށްފިއެވެ.

މި ޕްރޮގްރާމަކީ އެގްރިކަލްޗާ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑެވޮލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ކުރިއަށްގެން ދާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމް ޕްރޮގްރާމެކެވެ.
އެގްރިކަލްޗާ މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ، ދަނޑުވެރި މަންފާ ސްކީމަކީ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނާއި އެ ކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކީމެއް ކަމަށެވެ.
އަދި ގްރާންޓް ގެ އެކި ފިޔަފަހިތަކަށް ބެހިފައިވާއިރު، ފުރަތަމަ ފިޔަފަހި ހުޅުވާލެވެނީ ހަމައެކަނި ޕްރޮޑަކްޝަންއަށްކަމަށާއި މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގްރާންޓުގެ އިތުރު ބުރުތައްވެސް ކުރިއަށްގެންދާނެ ކަމަށާއި އެ ބުރުތަކުގައި ދަނޑުވެރިކަމުގެ ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކާއި ކޯލްޑް ސްޓޯރޭޖު ފަދަ ތަކެތި ގާއިމްކުރުމަށް ހާއްސަ ކުރައްވާނެ ކަމަށެވެ.
މި ގްރާންޓް ސްކީމްގެ މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް މިހާރުވެސް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިޔަށް އެބަދެއެވެ. މި ސްކީމްގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީ ޕޯޓަލްއިން 25 ޖޫން 2024 އިން ފެށިގެންނެވެ..
މިނިސްޓްރީއިން ބުނީ އިއުލާން ކުރާތާ އެއްމަސްދުވަހުގެ މުއްދަތެއް އެޕްލިކޭޝަން ހުށަހެޅުމާއި ދެމެދު ދެވިފައިވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމުން، ދަނޑުވެރިންނަށް އެޕްލިކޭޝަނަށް ބޭނުންވާ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުމަށް ފުރުޞަތު ދިނުމުގެގޮތުންކަމަށެވެ.
ގުޅުންހުރި

ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރާނި އަތޮޅު، އަދި ސިޓީކައުންސިލްތަކަށް!

ލަނޑުދަނޑި އަކީ ދެމެހެއްޓެނެވި ގޮތުގައި ފުދުންތެރި، ވާދަވެރި ދަނޑުވެރިކަމުގެ ދާއިރާއެއް: ވަޒީރު

'ދަނޑުވެރިޔާ' އެޕްލިކޭޝަން އިފްތިތާޙުކޮށްފި
